ކ. މާލެ
|
14 ނޮވެންބަރ 2020 | ހޮނިހިރު 14:17
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ގައުމީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ގައުމީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން
މިހާރު
އިންޑޯ ވޮލީބޯޅަ ކޯޓު އެޅުން
އަންނަ އަހަރު ފެށިގެންދާނީ އިންޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތާއެކު: މަޙްލޫފް
ގާތްގަނޑަކަށް ތިނެއް ނޫނީ ހަތަރު ކޯޓުގެ އިންޑޯ ފެސިލިޓީއް ގާއިމުކުރާނެ
އަންނަ އަހަރު ރާއްޖޭގެ 20 ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އެޅުމަށް ނިންމާފައިވޭ
މުޅި ރާއްޖެ ހިމެނޭ ގޮތަށް ވޮލީބޯޅަ ލީގު ކުޅުމަށް މަގުފަހިވެގެންދާނެ

2021 ވަނަ އަހަރު ފެށިގެން ދާނީ ވޮލީބޯޅައިގެ އިންޑޯ ފެސިލިޓީގެ މަސައްކަތާއެކު ކަމަށާއި، އެ ވަސީލަތް ވެގެންދާނީ ވޮލީބޯޅައިގެ ކުރިމަގަށް ބިނާކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އަދި މުޅި ރާއްޖޭގައި އެއް ފެންވަރެއްގައި ކުޅޭ މަދު ކުޅިވަރުތަކުގެ ތެރެއިން ވަސީލަތް އެންމެ ނިކަމެތި ކުޅިވަރަށް ވޭތުވެދިޔަ ފަސް އަހަރުވެސް ވޮލީ ހިމެނޭއިރު، ކޮންމެ އަހަރަކުވެސް ވޮލީގެ ވަސީލަތްތައް މަދުވެ ލިބިފައިވާ ކޯޓުތައް ދިޔައީ މަދުވަމުންނެވެ. އެކަމަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މީގެ ކުރިންވެސް ވިދާޅުވެފައިވާއިރު، އިންޑޯ ކޯޓުގެ މަސައްކަތް މިއަހަރު ފެށުމަށް ކުރިން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެކަމަކު މުޅިދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ހާލަތާއެކު އެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެގެންދިޔައެވެ.

ރާއްޖެޓީވީގެ "ބަޖެޓު 2021" ޕްރޮގްރާމުގައި ހޮނިހިރު ދުވަހުގެރޭ ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ އަންނަ އަހަރަށް އެކުލަވާލި ބަޖެޓުގައި ވޮލީބޯޅައިގެ އިންޑޯ ކޯޓެއް އެޅުމަށް ބަޖެޓު ކުރެވިފައިވާ ކަމަށާއި، އެހެން ކަމުން އަހަރު ފަށައިގަންނާނީ އެމަސައްކަތާއެކު ކަމަށެވެ.

މިއޮތް ހުރިހާ ދުވަހު ވޮލީ މި ކުޅެނީ ސޯޝަލް ސެންޓަރުގައި. ޓީމުތައް ޓްރެއިން ކުރުން ކަމުގައި ވިޔަސް، މުބާރާތް ކުޅުން ކަމުގައި ވިޔަސް، ހުރިހާކަމެއްވެސް ކުރަން މި ޖެހެނީ ސޯޝަލް އިންޑޯގައި. އަޅުގަނޑުމެން އަހަރު ފެށޭއިރު އެންމެ ފުރަތަމަ ފަށައިގަންނަ އެއް ކަމަކަށް ވެގެންދާނީ މާލޭގައި ރަނގަޅު އިންޑޯ ވޮލީ، ގާތްގަނޑަކަށް ތިނެއް ނޫނީ ހަތަރު ކޯޓުގެ އިންޑޯ ފެސިލިޓީއް ގާއިމުކުރުން. އޭގެ މާނައަކީ މުޅި ދުވަހު ހެނދުނުން ފެށިގެންގޮސް ރޭގަނޑު ދަންވަރުވެސް ކުޅެންވީ. އޭގެ މަނާއަކީ ރަނގަޅު ލައިޓް ޖެހި ވަރަށް ރަނގަޅު އިންޓަނޭޝަނަލް ސްޓޭންޑާޑުގެ ފެސިލިޓީއް މި ގާއިމު ކުރަނީ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

އިންޑޯ ކޯޓުގެ އިތުރުން ވަޒީރު ވިދާޅުވީ އަންނަ އަހަރަކީ ވޮލީބޯޅައަށް ހުރިހާ ގޮތަކުންވެސް ފާގަތި އަހަރަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައި ވޮލީބޯޅަ ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އެޅިގެންދާނެ ކަމަށާއި، އަންނަ އަހަރު ރާއްޖޭގެ 20 ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. މިހާތަނަށް މި ސަރުކާރުން ތިން ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އަޅާފައިވާއިރު، ދެ ރަށެއްގައި ކޯޓު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ވަސީލަތްތައް ގާއިމުކުރެވުމުން މުޅި ރާއްޖެ ހިމެނޭގޮތަށް ވޮލީބޯޅަ ލީގު ކުޅުމަށް މަގުފަހިވެގެންދާނެ ކަމަށާއި، ވޮލީބޯޅައިގެ ފޯރި އެތައް ގުނައެއް އިތުރު ކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވޮލީގެ އިތުރުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ގިނަ ކުޅިވަރުތަކަށް މަތީ ފެންވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ބަޖެޓު ކުރެވިފައިވާ ކަމަށާއި، މި ވަސީލަތްތައް ގާއިމުކުރެވިގެންދާއިރު، އެކަން ކުރާނީ މުޅި ރާއްޖެއަށް ބެހިގެންދާނެ ގޮތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން ވޮލީބޯޅައަށް ހާއްސަ ސަމާލުކަމެއްދީ، ވޮލީބޯޅައިގެ ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާއިރު، ހުޅުމާލޭ ބީޗް ވޮލީބޯޅަ ކޯޓު ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެއިނިން ފެސިލިޓީއަކަށް ވަނީ ބަދަލުކޮށްފައެވެ. ބީޗް ވޮލީބޯޅަ ކުޅުމަށާއި ގައުމީ މުބާރާތްތައް ބޭއްވުމަށް މީގެ ކުރިން ބޭނުންކުރަމުން އައި މާލޭ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓު މިދިޔަ ސަރުކާރުގައި ބަންދުކުރި ނަމަވެސް، މި ސަރުކާރުން ވަނީ އެ ކޯޓު އަލުން ހުޅުވާ ބޭނުން ކުރެވޭގޮތް ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް