ކ. މާލެ
|
14 ނޮވެންބަރ 2020 | ހޮނިހިރު 10:18
ބްރެޒިލާއި ވެނެޒުއޭލާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 1-0 ން
ބްރެޒިލާއި ވެނެޒުއޭލާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް ކޮލިފައިންގ
ވެނެޒުއޭލާ ބަލިކޮށް ބްރެޒިލް އެއްވަނައަށް
ވެނެޒުއޭލާ އަތުން ބްރެޒިލް މޮޅުވީ 1-0 ގެ ނަތީޖާއަކުން
ބްރެޒިލުން ވަނީ ކޮލިފައިންގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ސައްތަ އިން ސައްތަ ރިކޯޑު ދަމަހައްޓާފައި

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ވެނެޒުއޭލާ ބަލިކޮށް ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ތާވަލުގެ އެއްވަނައަށް ބްރެޒިލް ޖެހިލައިފިއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން ބްރެޒިލުގެ ތަރި ނޭމާ ކުޅެފައެއް ނުވެއެވެ. މި މެޗުގައި ބްރެޒިލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ފުރަތަމަ ހާފުގައި ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ބްރެޒިލުގެ ރިޗާލިސަން ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ފަސް މިނެޓަށް ވެފައި ވަނިކޮށް ޑަގްލަސް ލުއިޒް ބްރެޒިލަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ކުރިން ރިޗާލިސަން ވެނެޒުއޭލާ ކުޅުންތެރިއަކަށް ފައުލް ކުރުމުން އެ ލަނޑުވެސް ބަލައިގަނެފައެއް ނުވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބްރެޒިލަށް ކާމިޔާބުކޮށްދިނީ މެޗުގެ 67 ވަނަ މިނެޓުގައި ފޯވާޑް ރޮބާޓޯ ފިރްމީނޯއެވެ. މިއީ މި ފަހަރުގެ ކޮލިފައިންގައި ފިރްމީނޯ ޖެހި ތިންވަނަ ލަނޑެވެ.

ވެނެޒުއޭލާ އަތުން ހޯދި މޮޅާއެކު ބްރެޒިލުން ވަނީ ކޮލިފައިންގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ސައްތަ އިން ސައްތަ ރިކޯޑު ދަމަހައްޓާފައެވެ. ބްރެޒިލަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ވާދަވެރި އާޖެންޓީނާ އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައެވެ.

ކޮލިފައިންގައި ހުކުރު ދުވަހުގެރޭ ދެން ކުޅުނު މެޗުތަކަށް ބަލާއިރު، އުރުގުއޭ ވަނީ 3-0 ން ކޮލަމްބިއާ ބަލިކޮށްފައެވެ. އަދި ޗިލީ ވަނީ އަމިއްލަ ގައުމުގައި ކުޅުނު މެޗުން ޕެރޫ އަތުން 2-0 ން މޮޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް