އެމެެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގެ ދެ ވަނަ ދައުރަކަށް ވައިޓް ހައުސް އިން ތައްޔާރުވަމުންދާ ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޓްރޭޑް އެޑްވައިޒަރ ޕީޓަރ ނަވައްރޯ ފޮކްސް ބިޒްނަސް ނެޓްވޯކް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ޑޮނާލްޑް ޓްރަމްޕް ދެ ވަނަ ދައުރަކަށް އިންތިހާބުވާނެ ކަމަށް ބަލައި ވައިޓް ހައުސް އިން މިހާރު ތައްޔާރީތައް ވާން ފަށާފައިވާކަމަށެވެ.
ނޮވެމްބަރ ތިން ވަނަ ދުވަހު މީޑިއާ ތަކުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ މައްޗަށް އޭނާގެ އިދިކޮޅު ކެނޑިޑޭޓް އަދި ޑިމޮކްރަޓިކް ކެނޑިޑޭޓް ޖޯ ބައިޑެން ކުރި ހޯއްދަވާފައިވާކަން އިއުލާން ކުރި ނަމަވެސް އިންތިހާބުން ބަލިވިކަން ޓްރަމްޕް އަދި ބަލައެއް ނުގަނެއެވެ. ޓްރަމްޕް ވަނީ ވޯޓު އޮޅުވާލިކަމުގެ ތުހުމަތުތައްކޮށް ބައެއް ސްޓޭޓްތަކުގެ ވޯޓް އޮޅުވާލުމުގެ މައްސަލަ ބަލަން ގޮވާލާފައެވެ.
އެގޮތުން ނަވައްރޯ ވަނީ ޓްރަމްޕްގެ ވާހަކަތަކަށް ތާއީދުކޮށް އޮޅުވާލާފައިވާ ވޯޓުގެ އަދަދު ތަކާއި ވޯޓު ކަރުދާހުގެ މައްސަލަތައް ބަލައި ތަހުގީގުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ބުރާސްފަތި ދުވަހު އެމެރިކާގެ ސީނިއަރ ޔޫއެސް ފެޑެރަލް އަދި އިލެކްޝަން އޮފިޝަލުން ވަނީ ވޯޓު އޮޅުވާލުމަށް ބަޔަކު މަސައްކަތްކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެތް ނެތް ކަމަށް ބުނެފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާރު އެމެރިކާގެ އިންތިހާބީ ރައީސްގެ ގޮތުގައި ބައިޑެން އަށް މަރުހަބާ ކިޔާފައިވާ އިރު، ޗައިނާ އިން ވެސް ވަނީ، އެގައުމުން އެމެރިކާ ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށް ބުނެ ބައިޑެން އަށް މަރުހަބާ ކިޔާފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
