އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެންއަށް ޗައިނާއިން މަރުހަބާ ކިޔައިފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވޭންގް ވެންބިން ވަނީ އެގައުމުން އެމެރިކާގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށާއި ބައިޑަން އަދި ކަމަލާ ހެރިސްއަށް މަރުހަބާ ކިޔާ ކަމަށް ބުނެފައެވެ.
ޗައިނާ އަދި ރަޝިއާ ހިމެނިގެން ދިޔައީ ބައިޑަން އަދި ހެރިސްއަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ވުރެ ގިނައިން އިލެކްޓޯރަލް ވޯޓު ލިބުމާއި އެކު ފާއިތުވި ހަފުތާ އެ ދެ ބޭފުޅުންނަށް މަރުހަބާ ނުކިޔާ ދެ ގައުމުގެ ތެރޭގައެވެ.
ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. އެގޮތުން އިގްތިސާދީ ދާއިރާއިން އެއް ގައުމުން އަނެއް ގައުމަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައވެެ. ނަމަވެސް، އެމެެރިކާގެ ރައީސް ކަމަށް ބައިޑަން އިންތިހާބުވެގެން ދިއުމާއިއެކު އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޓްރަމްޕްގެ ވެރިކަމުގައި ޗައިނާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވެސް އަސަރުކުރިއެވެ. އެގޮތުން ކޮވިޑު ބަލިމަޑުކަމުގެ ކުރިން ދުނިޔޭގެ އިގްތިސާދީ ކުރިއެރުން މަޑުޖެހިފައި އޮތީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުން އެއް ގައުމު އަނެއް ގައުމަށް އިގްތިސާދީ ފިއްތުންތަކެއް ކުރިމަތިކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.