ކޮވިޑް-19 އަށް އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތައްޔާރުކުރަމުން އަންނަ ވެކްސިންގެ 100 މިލިއަން ޑޯޒް ޑިސެމްބަރ މަހު އިންޑިއާ އަށް ލިބޭނެ ކަމަށް ސިރަމް އިންސްޓިޓިއުޓް އިން ބުނެފި އެވެ.
އިންޑިއާގައި އެސްޓްރަޒެނެކާގެ ވެކްސިން ޑިވެލޮޕްކޮށް ވެކްސިންގެ ޓްރަޔަލްތައް ކުރިއަށް ގެންދާ ސިރަމް އިންސްޓިޓިއުޓް އިން ވަނީ އެސްޓްރަޒެނެކާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރެވިއްޖެ ނަމަ ޑިސެމްބަރ މަަހު ވެކްސިން އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެކަމަށެވެ.
ސިރަމް އިން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެސްޓްރަޒެނެކާ ވެކްސިންގެ 40 މިލިއަން ޑޯޒް އުފައްދާފައިވާ އިރު، އެކުންފުނިން އިންޑިއާ ގައި ކުރިއަށް ގެންދާ ވެކްސިން ޓްރަޔަލްތައް ވަރަށް ކާމިޔާބުކަމަށްވެސް ސިރަމް އިން ބުންޏެވެ. އަދި އަންނަ އަހަރު ވެކްސިން އަށް ލައިސަންސްް ލިބިއްޖެ ނަމަ ކޮވެކްސް ފެސިލިޓީގެ ދަށުން ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން ދެކުނު އޭޝީއާގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެ އިތުރުން ސިރަމް އިންސްޓިޓިއުޓް އިން ދަނީ ކުރިއަށް އޮތްތާގައި ނޮވަވެކްސް އިން ކޮވިޑް-19 އަށް ތައްޔާރުކުރަމުންދާ ވެކްސިން އެގައުމުގައި އުފެއްދުމުގެ ވިސްނުން ގެންގުޅެމުންނެވެ. އެކުންފުނިން ވަނީ އެސްޓްރަޒެނެކާގެ ވެކްސިންގެ އިތުރުން ނޮވާވެކްސްގެ ވެކްސިނަކީ ވެސް ރައްކާތެރި ވެކްސިނެއްކަން މިހާތަނަށް ހެދިފައިވާ ޓެސްޓުތަކުން ދައްކާކަމަށް ފާހަގަކޮށްފަ އެވެ.