ކ. މާލެ
|
13 ނޮވެންބަރ 2020 | ހުކުރު 12:14
އާޖެންޓީނާ އާއި ޕެރެގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
އާޖެންޓީނާ އާއި ޕެރެގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް ކޮލިފައިންގ
އާޖެންޓީނާ އާއި ޕެރެގުއޭ އެއްވަރުވެއްޖެ
އާޖެންޓީނާ އާއި ޕެރެގުއޭ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
އާޖެންޓީނާ އޮތީ ކޮލިފައިންގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު

ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ބުރުގައި ބުރާސްފަތި ދުވަހުގެރޭ އާޖެންޓީނާ އާއި ޕެރެގުއޭ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އާޖެންޓީނާގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕެރެގުއޭއިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ގައުމަށް ޖަހައިދިނީ އެންހެލް ރޮމޭރޯއެވެ. މިއީ ޕެރަގުއޭގެ މިގޭލް އަލްމިރޯންއަށް އޭރިއާ ތެރެއިން އާޖެންޓީނާގެ ލޫކަސް މާޓިނޭޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޖިއޮވާނީ ލޮ ސެލްސޯ ނަގައިދިން ކޯނަރަކުން މި ލަނޑު ޖެހީ ނިކޮލަސް ގޮންޒާލޭޒެވެ.

މި މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އޭގެ ކުރިން އާޖެންޓީނާގެ ގޮންޒާލޭޒް ޕެރަގުއޭ ކުޅުންތެރިއަކަށް ފައުލް ކުރުމާ ގުޅިގެން އެ ގޯލު ބަލައިނުގަންނަން ރެފުރީ ވަނީ ނިންމާފައެވެ.

މި މެޗު އެއްވަރުވި ނަމަވެސް، އާޖެންޓީނާ އޮތީ ކޮލިފައިންގެ އެއްވަނައިގައި ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބްރެޒިލަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ހުކުރު ދުވަހުގެރޭ ވެނެޒުއޭލާ ބަލިކޮށް އެއްވަނައަށް އެރުމުގެ ފުރުސަތު ބްރެޒިލަށް އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް