ކ. މާލެ
|
13 ނޮވެންބަރ 2020 | ހުކުރު 11:56
ސާބިއާ އާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްކޮޓްލެންޑް މޮޅުވީ ޕެނަލްޓީގައި 5-4 ން
ސާބިއާ އާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްކޮޓްލެންޑް މޮޅުވީ ޕެނަލްޓީގައި 5-4 ން
ގެޓީ އިމޭޖަސް
ޔޫރޯ ފުޓްބޯޅަ މުބާރާތް
ސްކޮޓްލެންޑާއި ނޯތު މެސެޑޯނިއާ ޔޫރޯއަށް ކޮލިފައިވެއްޖެ
ޕްލޭއޮފުން ސްކޮޓްލެންޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4 ން ސާބިއާގެ މައްޗަށް ކުރިހޯދައިގެން
ޕްލޭއޮފުން ނޯތު މެސެޑޯނިއާ މޮޅުވީ ޖޯޖިއާ އަތުން 1-0 ގެ ނަތީޖާއަކުން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްކޮޓްލެންޑާއި ނޯތު މެސެޑޯނިއާ ކޮލިފައިވެއްޖެއެވެ.

ސްކޮޓްލެންޑް ކޮލިފައިވީ ޔޫރޯ ކޮލިފައިންގެ ޕްލޭއޮފުގައި ޕެނަލްޓީ ޖަހައިގެން 5-4 ން ސާބިއާގެ މައްޗަށް ކުރިހޯދައިގެންނެވެ. މިއީ 23 އަހަރަށްފަހު ބޮޑު މުބާރާތަކުން ސްކޮޓްލެންޑް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ސްކޮޓެލެންޑް އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ބޮޑު މުުބާރާތަކީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ފީފާ ވޯލްޑް ކަޕެވެ.

ސާބިއާގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 1-1 ން އެއްވަރުވެފައެވެ. މި މެޗުގެ 52 ވަނަ މިނެޓުގައި ރިޔާން ކްރިސްޓީ ސްކޮޓެލެންޑަށް ލީޑު ނަގައިދިން ނަމަވެސް، މެޗުގެ އިތުރު ވަގުތު ތެރޭގައި ލޫކަ ޔޯވިޗް ވަނީ ސާބިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އެއާއެކު އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް، މި ދެ ހާފުގައިވެސް ލަނޑެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސާބިއާއަށް ނާކާމިޔާބުވީ އެ ޓީމުގެ އަލެކްސަންޑަ މިޓްރޮވިޗް ޖެހި ޕެނަލްޓީއެވެ. ސާބިއާގެ ފަސްވަަނަ ޕެނަލްޓީ މިޓްރޮވިޗް ފޮނުވާލިއިރު، ސްކޮޓްލެންޑުގެ ގޯލްކީޕަރު ޑޭވިޑް މާޝަލް ވަނީ މަތަކޮށްފައެވެ. އޭގެ ކުރިން ދެ ޓީމުންވެސް ވަނީ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު ޔޫރޯއިން ސްކޮޓްލެންޑް ޖާގަ ހޯދިއިރު، އެ ގައުމު ހިމެނެނީ ގްރޫޕް ޑީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އިންގްލެންޑާއި، ކްރޮއޭޝިއާ އަދި ޗެކް ރިޕަބްލިކެވެ.

ޖޯޖިއާ އާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ނޯތު މެސެޑޯނިއާ މޮޅުވީ 1-0 ން

މީގެ އިތުރުން އަންނަ އަހަރުގެ ޔޫރޯއިން ޖާގަ ހޯދާ ނޯތު މެސެޑޯނިއާއިން ވަނީ އެ ގައުމުގެ ތާރީޚުގައި މުޅިން އަލަށް ބޮޑު މުބާރާތަކުން ޖާގަ ހޯދާފައެވެ.

ނޯތު މެސެޑޯނިއާ ކޮލިފައިވީ ޔޫރޯ ކޮލިފައިންގެ ޕްލޭއޮފުގައި ޖޯޖިއާ އަތުން 1-0 ން މޮޅުވެގެންނެވެ. ޖޯޖިއާގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ނޯތު މެސެޑޯނިއާއަށް ކާމިޔާބުކޮށްދިނީ ގޯރަން ޕަންޑޭވެވެ.

މި މޮޅާއެކު ދުނިޔޭގެ ރޭންކިންގެ 65 ވަނައިގައި އޮތް ނޯތު މެސެޑޯނިއާ ޔޫރޯއަށް ކޮލިފައިވިއިރު، އެ ގައުމު ހިމެނެނީ އަންނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ނެދަލެންޑްސް އާއި، ޔޫކްރޭން އަދި އޮސްޓްރިއާއެވެ.

ކޮލިފައިންގެ ޕްލޭއޮފް މެދުވެރިކޮށް ދެން ޔޫރޯއިން ފުރުސަތު ހޯދި އަނެއް ދެ ޓީމަކީ ހަންގޭރީ އާއި ސްލޮވާކިއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް