ކ. މާލެ
|
12 ނޮވެންބަރ 2020 | ބުރާސްފަތި 14:58
ކްރޮއޭޝިއާގެ ކެޕްޓަން ޑޮމަގޯއި ވީޑާ
ކްރޮއޭޝިއާގެ ކެޕްޓަން ޑޮމަގޯއި ވީޑާ
ގެޓީ އިމޭޖަސް
ވީޑާ ވައިރަހަށް ޕޮޒިޓިވްވުން
ކޮވިޑް-19 ޖެހިފައި ހުއްޓައި ވީޑާ މެޗެއް ކުޅެފި
ތުރުކީއާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވީޑާ ވަނީ ކުޅެފައި
ދެވަނަ ހާފު ފެށުމުގެ ކުރިން ވީޑާ ބަދަލުކުރީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުމާއެކު

ކޮވިޑް-19 ޖެހިފައި ހުއްޓައި ބުދަ ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ތުރުކީއާ ދެކޮޅަށް ފުރަތަމަ ހާފުގައި ކްރޮއޭޝިއާގެ ކެޕްޓަން ޑޮމަގޯއި ވީޑާ ކުޅެފިއެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް ކުރިއަށްދަނީ ޔުއެފާއިން ދާދި ފަހުން ކަނޑައަޅާފައިވާ ކޮވިޑް-19 ގެ އުސޫލާ އެއްގޮތަށެވެ. އެގޮތުން މެޗު ފެށުމުގެ ކުރިންނާއި މެޗަށްފަހުވެސް ކުޅުންތެރިން ވައިރަހަށް ޓެސްޓު ކުރަން ޖެހެއެވެ.

ބުދަ ދުވަހުގެރޭ ތުރުކީ އާއި ކްރޮއޭޝިއާ 3-3 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި އުމުރުން 31 އަހަރުގެ ވީޑާ ވަނީ ކުޅެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ފުރަތަމަ ހާފު ނިމި ދެވަނަ ހާފު ފެށުމުގެ ކުރިން ވީޑާ ބަދަލުކުރީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުމާއެކުއެވެ. އެއާއެކު ވަގުތުން އޭނާ ކްރޮއޭޝިއާގެ ގައުމީ ޓީމާ ވަކިކޮށް، މެޗު ކުޅުނު ގައުމު ކަމަށްވާ ތުރުކީގެ އިސްތަންބޫލުގައި އައިސޮލޭޓް ކުރިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެޗުގެ ކުރިން ކުރި ޓެސްޓުގެ ނަތީޖާއިން ވީޑާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ. އަދި މެޗުގައި އޭނާ ކުޅުނީވެސް ކޮވިޑް-19 އަށް ޕޮޒޓިވްކަން ނޭނގޭތީ ކަމަށާއި، ޕޮޒިޓިވްކަން އެނގުނުހާ އަވަހަކަށް ވީޑާއާ މެދު ކޮވިޑް-19 ގެ އުސޫލުގެ ތެރެއިން ވަނީ ހުރިހާ ފިޔަވަޅެއް އަޅާފައެވެ.

މި މެޗުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ވީޑާ ކުޅުމާއެކު، ދެ ގައުމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް ދެ ފަހަރެއްގެ މަތިން ވައިރަހަށް ޓެސްޓު ކުރުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް