ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 16:07
އިނގިރޭސި އެފްއޭގެ ޗެއާމަނުގެ މަގާމުގައި ހުރި ގްރެގް ކްލާކް
އިނގިރޭސި އެފްއޭގެ ޗެއާމަނުގެ މަގާމުގައި ހުރި ގްރެގް ކްލާކް
ގެޓީ އިމޭޖަސް
ކްލާކް އިސްތިއުފާ ދެއްވުން
އިނގިރޭސި އެފްއޭގެ ޗެއާމަނުގެ މަގާމުން ކްލާކް އިސްތިއުފާ ދެއްވައިފި
ކްލާކް އިސްތިއުފާ ދެއްވީ ކަޅު ނަސްލުގެ ކުޅުންތެރިންނާ މެދު އިހުތިރާމު ކުޑަކޮށް ވާހަކަދެއްކުމާ ގުޅިގެން
އިސްތިއުފާ ދިނުމަށް ނިންމީ މަސްލަހަތަށް ބެލުމަށްފަހު ކަމަށް ކްލާކް ވިދާޅުވި

އިނގިރޭސި އެފްއޭގެ ޗެއާމަނުގެ މަގާމުން ގްރެގް ކްލާކް އިސްތިއުފާ ދެއްވައިފިއެވެ.

އިނގިރޭސި އެފްއޭގެ ޗެއާމަނުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ކަޅު ނަސްލުގެ ފުޓްބޯޅަ ކުޅުންތެރިންނާ މެދު އިހުތިރާމު ކުޑަކޮށް ޑިޕާޓްމަންޓް ފޯ ޑިޖިޓަލް، ކަލްޗާ، މީޑިއާ އެންޑް ސްޕޯޓްސް (ޑީސީއެމްއެސް) ދެއްކެވި ވާހަކަތަކުގެ ޕްރެޝަރު ބޮޑުވުމުންނެވެ. ޑީސީއެމްއެސް ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ވާހަކަ ދައްކަވަމުން ކްލާކް ވަނީ "ކުލަ ފުޓްބޯޅަ ކުޅުންތެރިން" ކަމަށް ބުނެ ކަޅު ނަސްލަށް އިހުތިރާމު ކުޑަކޮށް ވާހަކަ ދައްކަވާފައެވެ. މެންބަރެއް ވަގުތުން އެކަން ކްލާކުގެ ސަމާލުކަމަށް ގެނައުމާއެކު އޭނާ ވަނީ މާފަށް އެދިވަޑައިގެންފައެވެ.

އެކަމަކު އޭގެ ފަހުންވެސް އެ ބައްދަލުވުމުގައި ކްލާކް ވަނީ ނަސްލީ ގޮތުން ތަފާތުކޮށް ވާހަކަދައްކަވާފައެވެ. އެއާއެކު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމުން ކްލާކް ވަނީ އިނގިރޭސި އެފްއޭގެ ޗެއާމަނުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައެވެ. އިސްތިއުފާ ދެއްވުމަށްފަހު ކްލާކް ވިދާޅުވީ އެ ބައްދަލުވުމުގައި އޭނާއަށް ބޭނުންކުރެވުނީ ފުޓްބޯޅައިގެ އިސް މަގާމެއްގައި ހުރެ ބޭނުންކޮށްގެން ވާނެ ބަސްތަކެއް ނޫން ކަމަށެވެ. އެހެންކަމުން އިސްތިއުފާ ދިނުމަށް ނިންމީ މަސްލަހަތަށް ބެލުމަށްފަހު ކަމަށާއި، ނަސްލީ ގޮތުން ދެކެވުނު ވާހަކަތަކާ ދޭތެރޭ މާފަށް އެދޭ ކަމަށެވެ.

ކްލާކް އިސްތިއުފާ ދެއްވުމުން އެ ނިންމުމަށް ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެކި ކެމްޕެއިން ހިންގާ ފަރާތްތަކުން ވަނީ މަރުހަބާ ކިޔައިފައެވެ.

އިނގިރޭސި އެފްއޭގެ ޗެއާމަަނަކަށް ކްލާކް ހަމަޖައްސާފައިވަނީ 2016 ވަނަ އަހަރުއެވެ. ކްލާކް އިސްތިއުފާ ދެއްވުމުން އިނގިރޭސި އެފްއޭގެ ވަގުތީ ޗެއާމަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕީޓަ މެކްކޯމިކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް