ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 01:27
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހޯރަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހޯރަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ
އިބްރާހިމް ނިޔާޒް، ހޯރަފުށި
ރައީސް ސޯލިހުގެ ސަރުކާރަށް 2 އަހަރު
އެމްޓީސީސީގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަ ހޯދުން، ދެ އަހަރު ތެރޭގައި އެކަން ދެއްކިއްޖެ: އާޒިމް
 
މިހާރުވެސް ބޮޑެތި އެތަކެއް މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުން
 
ޕްރޮޖެކްޓްތައް ކުރިއަށް ގެންދަނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް
 
2 އަހަރުގެ ތެރޭގައި 50 ޕްރޮޖެކްޓުގެ މަސައްކަތް ވަނީ ނިންމާފައި

އެމްޓީސީސީގެ އަމާޒަކީ ސަރުކާރުން ހަވާލުކުރާ ރައްޔިތުންނާއި ގުޅުންހުރި ޕްރޮޖެކްޓްތައް އަވަހަށް ނިންމާ ރައްޔިތުންނަށް އެކަމުގެ ލުއިފަސޭހަތައް ހޯދުން ކަމަށާއި، ދެ އަހަރު ތެރޭގައި އެކަން ކޮށްދެއްވާފައިވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން އެމްޓީސީސީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން "ރާއްޖެއެމްވީ" އަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުގައި އާޒިމް ވިދާޅުވީ އެމްޓީސީސީ އެކަނި އޮވެގެން އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މިހާ ހިސާބަށް އާދެވުނީ އެމްޓީސީސީގެ ޓީމާއި ބޯޑު އަދި ދިވެހި ސަރުކާރާއެކު ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށާއި، މިނިސްޓްރީތަކާއި ރައީސް އޮފީހުން ކަންކަމަށް ދޭ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

ވަކިން ހާއްސަކޮށް ކަންކަމުގައި ރައީސްގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ އިރުޝާދާއި އެކު ކާމިޔާބު ލިބެމުން އަންނަ ކަމަށާއި، ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން މެނުވީ ކާމިޔާބީއެއް ނުހޯދޭނެ ކަމަށެވެ. އަދި އެމްޓީސީސީން މަސައްކަތް ކުރަނީ ކުންފުންޏަކީ ފައިދާވާ އަދި ހިންގާ ޕްރޮޖެކްޓްތަކަކީ އަވަހަށް ނިމި އޭގެ ފައިދާ ރައްޔިތުންނަށް ވީހާ ވެސް އަވަހަށް ހެދުމަކީ ކުންފުނީގެ ފޯކަސް ކަމަށެވެ.

އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ ކޮލިޓީ ހިފެހެއްޓިގެން ކުރާ މަސައްކަތްތަކަކަށް ވާންޖެހޭ. މިއިން އެއްވެސް ކަމެއް ކޮމްޕްރަމައިސް ނުކޮށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ފޯކަސް އޮތީ ކުރިއަށް އޮތްތަނުގައި ވެސް ކުންފުންޏާއި ހަވާލުކުރެވޭ މަސައްކަތްތައް އޭގެ ކޮލިޓީ ގެއްލުވާނުލާ މަސައަކަތްތައް ގަޑިން ގަޑިއަށް ނިންމާ އޭގެ ނަފާ ހޯދައި ދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އެގޮތުން ވަރަށް ފާހަގަކުރެވޭ ޕްރޮޖެކްޓަކަށް ފެނިގެންދާނެ ހޯރަފުށީ އެއަރޕޯޓް ޕްރޮޖެކްޓް. އެ ޕްރޮޖެކްޓަކީ ފަޅެއް ހިއްކައިގެން ހުއްޓާ ނުލާ އެއަރޕޯޓެއް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދާ މަސައްކަތެއް،
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީން ކުރާ މަސައްކަތުން ދައްކައިދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވަނީ ނަމަކަށް ކަން ކުރެއްވުން ނޫން ކަމަށާއި، ކުރާ ކަމަކުން ރައްޔިތުންނަށް އެއިން ނަފާ ލިބޭނެ ގޮތަށް ކަން ކުރެއްވުން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައީސް ސޯލިހުގެ ވިޝަންއަކީ ކަންކަން އަވަހަށް ރައްޔިތުން ބޭނުންވާ ގޮތަށް ކޮލިޓީކޮށް މަސައްކަތް ނިންމެވުން ކަމަށާއި، އެމްޓީސީސީގެ އަމާޒަކީ ރައީސްގެ އިރުޝާދުފުޅާއެކު ކަންކަން ކުރުން ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ރައީސް އަދި ރައްޔިތުންނަށް ދޭން ބޭނުންވަނީ, ލަސްވާނެ އެއްވެސް ކަމެއް އޮތްނަމަ އެކަމެއްގައި މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއި މަޝްވަރާކޮށް އެކަމެއް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ކަމަށް ވިދާޅުވިއެވެ.

އެމްޓީސީސީން ހިންގަމުން އަންނަ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމުގައިވާ ހޯރަފުށި އެއަރޕޯޓުގެ މަސައްކަތްތައް ބައްލަވާ ލައްވަނީ

ކުންފުނީގެ ގާބިލްކަމާއި މެދު ޔަގީންކަން ދެއްވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ މެރިން ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށާއި، މީގެ ކުރިން ކުރަމުން އައީ ބަނދަރު ކޮނުމާއި ބިން ހިއްކުން ފަދަ މަސައްކަތް ކަމަށެވެ. އެހެންނަމަވެސް މިހާރު ބޮޑު ހިލަޖެހުމާއި، އެއަރޕޯޓު އެޅުމުން ފެށިގެން ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށާއި، ވަކި ދާއިރާއެއްގެ މަސައްކަތް ކުރުމަކީ އެމްޓީސީސީގެ އަމާޒެއް ނޫން ކަމަށެވެ.

ރާއްޖޭގެ 24،000 ހިއްސާދާރުންނާއި ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއް ހިމެނޭ ކުންފުންޏެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ހޯދައި ދިނުމަކީ މަޖްބޫރުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ މިހާރު ހޯދަމުންދާ ކާމިޔާބީތައް ދެމެހެއްޓުމަށްޓަކައި އިތުރު މަސައްކަތްތައް ކުރުން ކަމަށް ވިދާޅުވިއެވެ.

އަބަދަކު ކުންފުނީގެ ޕްރޮޖެކްޓްތަކެއް ނުހުންނާނެ. އަޅުގަނޑުމެންނަށް އެބަހުރި އެހެން ވިޔަފާރިތައް ވެސް ކުރަން. އަޅުގަނޑުމެންގެ ވިޔަފާރި ރާވަން އަޅުގަނޑުމެން ރޭވުންތަކެއް އެބަރާވަން. އަޅުގަނޑުމެންގެ ޑޮކްޔާޑް ހަރުދަނާ ކުރުމުގެ މަސައްކަތް އެބަކުރަން އަދި ފެރީގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް އެބަކުރަން. އަޅުގަނޑުމެން އެބަޖެހޭ ދުވަހަކަށްވުރެ ދުވަހެއް ހަރުދަނާ ކުރަން. އަޅުގަނޑުމެން އެބަޖެހޭ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ކުންފުންޏަކަށް ކުންފުނި ހަދަން،
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވިދާޅުވީ ކުންފުނި ހިންގޭނީ ރަނގަޅު ހިއުމަން ރިސޯސަސް ވަރުގަދަ ކުރެވިގެން ކަމަށާއި، މިހާރުގެ އަމާޒަކީ އެކަން ކުރެއްވުން ކަމަށެވެ. އެގޮތުން ފެންވަރު ރަނގަޅު ގައުމުގައި ފާހަގަކޮށްލެވޭ ފަދަ މުވައްޒަފުން ތިބިތަނަކީ އެމްޓީސީސީއަށް ހެދުމަކީ އުއްމީދެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ވަނީ ނިމިގެން ދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 51 ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ. އަދި މިހާރުވެސް 100 އާ ގާތްކުރާ އަދަދަކަށް ޕްރޮޖެކްޓްގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، އެއަރޕޯޓު އެޅުމާއި، ހޮސްޕިޓަލް ހެދުމާއި މަގު ހެދުމުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
33%
0%
0%
ކޮމެންޓް