އިންޑިއާއިން ކޮވިޑް-19 އަށް ތައްޔާރުކުރާ ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމުގައި ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވެއްޖެއެވެ.
ފޮރިން ސެކްރެޓަރީ މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެވެނު ހަތަރު އެމްއޯޔޫއެއްގައި ސޮއި ކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ކޮވިޑް-19 އަށް ވެކްސިން ތައްޔާރުކުރުމުގައި އިންޑިއާގެ ކުންފުނިތަކުން ކުރާ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށާއި އެ ގައުމުގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ވަނީ އިންޑިއާގެ ވެކްސިން ވެގެންދާނީ ހުރިހާ ގައުމަކަށް ވެސް ފަސޭހަކަމާއެކު އަތްފޯރާ ފަށުގައި ލިބޭނެ ވެކްސިނެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި މިގޮތަށް ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭ އިރު، ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަމެއް އިންޑިއާއިން ދޭނެ ކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.
ފޮރިން ސެކްރެޓަރީ ހާރްޝް ވަރްދަން ވަނީ މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ އެކު މިހާރު ވެސް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި ދެ ގައުމުގެ ސިއްހީ ކަމާބެހެ އިދާރާތަކާއި އެކު މިކަމުގައި މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ދެ ގައުމުން އެކުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ވެކްސިންގެ މަސައްކަތްތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.
އިންޑިއާއިން ކޮވިޑް-19 އަށް ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ ތެރެއިން އެ ގައުމުގެ ބާރަތް ބަޔޯޓެކް ކުންފުނިން ތައްޔާރު ކުރަމުންދާ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް 3 ގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، އެ ކުންފުނީގެ ވެކްސިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ލޯންޗުކުރެވޭނެ ކަމަށް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސަރޗް (އައިސީއެމްއާރް) އިން ވަނީ ބުނެފައެވެ.