ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 19:26
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ފުޓްބޯޅަ ސީޒަން ފެށުން
ދިވެހި ޕްރިމިއާ ލީގު ފަށަން ހުއްދަ އެބައޮތް: އެފްއޭއެމް
ފުޓްބޯޅަ ސީޒަން ފަށާނީ އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހަށް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކުގެ ތެރެއިން ޑިސެމްބަރު މަހު ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށަން ހުއްދަ ލިބިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފެށުމަށް އެފްއޭއެމުން ވަނީ ތާވަލުކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް އެޗްޕީއޭއިން ލުއި ދިންއިރު، ކޮންޓެކްޓް ކުޅިވަރުތަކާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ވަނީ ހުއްދަ ދީފައެވެ. އެގޮތުން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް، ކުޅިވަރާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ކުޅިވަރުތަކާއިި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި 15 މީހުންނަށް ވުރެ ގިނަ ނުވާގޮތަށް ކުޅިވަރު ބަލަންދެވޭ ގޮތަށްވެސް ވަނީ ހުއްދަ ދީފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ މާލެ ސަރަހައްދުގައި ކުޅިވަރުތައް ކުޅުމަށް ލުއިދިންއިރު، މީގެ ކުރިން އެޗްޕީއޭއާއެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކަށްފަހު ކޮވިޑް-19 ގެ ހާލަތަށް ބަދަލެއް ނާންނަނަމަ ލީގު ފަށަން ހުއްދަ ލިބިފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ގެ ހާލަތަށް ބަދަލެއް ނާންނަމަ އެޗްޕީއޭގެ ލަފަޔާ އެއްގޮތަށް މިހާރު އޮތް ޝެޑިއުލަށް ލީގު ކުރިއަށްގެންދާނެ ކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.

ދިވެހި ޕްރިމިއާ ލީގު ފަށަން ހުއްދަ ލިބިފައިވާ ކަމަށް އެފްއޭއެމުން ބުނިއިރު، ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް އެޗްޕީއޭއިން ދީފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅުއެވެ. އެއާއެކު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކުލަބުންވެސް މިހާރު ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

މި ފަހަރުގެ ލީގުގައި ވާދަކުރާ މާލޭގެ އަށް ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކުލަބު، ކުލަބު އީގަލްސް، ކުލަބު ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު، ކުލަބު ވެލެންސިއާ، ޔުނައިޓެޑް ވިކްޓަރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކަށް ދެމުން އައި ޖާގަ މި ވަގުތަށް ވަނީ މަޑުޖައްސާލާފައެވެ. އެފްއޭއެމުން އެގޮތަށް ނިންމީ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބެމުންދަނީ އަބަދުވެސް އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕަށް ޓީމަށް ކަމަށްވުމާއެކު، ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަނުގައި އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވިފައިނުވާއިރު، އަތޮޅުތަކުން އައިސް މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޓީމުތަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް