ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 21:13
ރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި އިންޑިއަން ހައި ކޮމިޝަނަރ ސަންޖޭ ސުދީރު
ރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި އިންޑިއަން ހައި ކޮމިޝަނަރ ސަންޖޭ ސުދީރު
ފޮރިން މިނިސްޓްރީ
އިންޑިއާ ފޮރިން ސެކެޓްރީ ދަތުރުފުޅު
ބްރިޖް ފައިނޭންސިންގ ހިމެނޭ ގޮތަށް އިންޑިއާއާ އެކު 4 އެމްއޯޔޫއެއްގައި ސޮއިކޮށްފި
 
ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒްގެ އެމްއޯޔޫގައި ސޮއިކުރެއްވި
 
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ހިންގާ 2 މަޝްރޫއަކާ ބެހޭ އެމްއޯޔޫގައިވެސް ސޮއިކުރެއްވި

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ މަޝްރޫއު ފައިނޭންސް ކުރުމަށް އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެއްބަސްވުމާއި އިތުރު ތިން އެއްބަސްވުމެއްގައި އިންޑިއާއާ އެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ހޯމަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ މަޝްރޫއު ފައިނޭންސް ކުރުމަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަރ، ސަންޖޭ ސުދީރުއެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖެއް ކޯޒްވޭތަކާއެކު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު އަދި ހައިކޮމިޝަނަރ ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ ދެ މަޝްރޫއެއްގެ އެމްއޯޔޫގައި ސޮއިކުރައްވާފައެވެ. އެއީ ހދ. ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސަރޗް ސެންޓަރެއް ހެދުމާއި އައްޑޫ ސިޓީ ހުޅުދޫގައި ޤާއިމްކުރާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ތަރައްޤީ ކުރުމުގެ މަޝްރޫއެވެ.

މި އެމްއޯޔޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރ ހެދުމަށް 1،711،434.60ރ. (އެއް މިލިއަން ހަތްލައްކަ އެގާރަ ހާސް، ހަތަރުސަތޭކަ ތިރީސް ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) އަދި ހުޅުމީދޫ ޑްރަގް ޑިޓޮކްސް ސެންޓަރުގެ މަސައްކަތަށް 7،980،563.69ރ. (ހަތް މިލިއަން ނުވަލައްކަ އަށްޑިހަ ހާސް، ފަސްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ފަސްދޮޅަސް ނުވަ ލާރި) އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫއުތަކަކީ މުޖްތަމައުގެ ހާލަތު ރަނގަޅުކޮށް، އިޤްތިސާދީ ގޮތުން ފުދުންތެރި މުޖްތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެވެ.

މިނިސްޓަރ އޮފް ޔޫތް ސްޕޯޓް އެންޑް ކޮމިއުނިޓީ އެމްޕަރވަމެންޓް، އަހްމަދު މަހްލޫފް އަދި އިންޑިއަން ހައި ކޮމިޝަނަރ ސަންޖޭ ސުދީރް ވަނީ ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒްގެ އެމްއޯޔޫގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ، ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން ރާއްޖޭގެ 67 ރަށެއްގައި ގާއިމްކުރެވޭ ކުޑަކުދިންގެ ޕާކަށް ބޭނުންވާ އިކުއިޕްމެންޓް ހަވާލުކުރުމުގެ އިތުރުން އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ތަރައްގީ ކުރެވެމުންދާ އެކުވެނި ޓްރެކްގެ ސިންތެޓިކް އެޅުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

މި މަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ކުރައްވާ މި ދަތުރުފުޅަކީ 2020 ވަނަ އަހަރު ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް