މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބޮޑު ޙިޔާނާތާ ގުޅޭ ޝަރީއަތްތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އެ މައްސަލަތައް ލައިވް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.
އެކަން ބަޔާން ކުރައްވާ ހޯމަ ދުވަހު ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހިނގާ ނޮވެމްބަރު މަހުގެ ތެރޭގައި އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅޭ ޝަރީއަތްތަކެއް ފެށިގެންދާނެ ކަމަށެވެ. އަދި ޝަރީއަތްތައް ލައިވް ކުރުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއަކުން ހުށައަޅާފައިވާނެކަން ޕީޖީ ފާހަގަ ކުރެއްވި އެވެ.
ޕީޖީ ވިދާޅުވީ، އެކަމުގެ ބޭނުމަކީ ޝަރީއަތުގެ މަރުޙަލާ ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށާއި، ކޯޓުން އެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެލެކާސްޓް ކުރެވުނު ޝަރީއަތަކީވެސް އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން ހުށައަޅާފައިވާ ދައުވާއަކާ ގުޅޭ ޝަރީއަތެކެވެ. އެގޮތުން އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލި ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތެވެ. އެހެން ނަމަވެސް، މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތްތައް ވަގުތުން ޓެލެކާސްޓް ކުރުން މަޑުޖައްސާލުމަށް ނިންމާފަ އެވެ.
އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން އޭރު ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުޞޫލު އަލުން މުރާޖަޢާކޮށް ޢާންމުކޮށްގެން ނޫނީ އަލަށް ހިންގާ އެއްވެސް ޝަރީޢަތެއް ޓެލެކާސްޓް ނުކުރުމަށް ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުންވެސް، އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ދެމުންދާއިރު، ވެބް ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ އަޑުއެހުންތައް ދަނީ ބާއްވަމުންނެވެ. އެގޮތުން، އެންމެ މަތީ މަރުހަލާ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުންވެސް ގެންދަނީ ވެބް ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ އަޑުއެހުންތައް ބާއްވައި، ލައިވް ކުރެވޭ ޝަރީއަތުގެ އަޑުއެހުންތައް ޓްވިޓަރ އަދި ޔޫޓިއުބް މެދުވެރިކޮށް ލައިވްވެސް ކުރަމުންނެވެ.