ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 08:56
މިލާނާއި ވެރޯނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
މިލާނާއި ވެރޯނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
މިލާނާއި އިންޓަވެސް އެއްވަރު
އޭސީ މިލާނާއި ހެލަސް ވެރޯނާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުން
އެޓަލާންޓާ އާއި އިންޓަ މިލާން އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި އިންޓަ މިލާނުވެސް އެއްވަރުވެއްޖެއެވެ.

ތާވަލުގެ އެއްވަނައިގައި އޮތް މިލާން އެއްވަރުވީ އަމިއްލަ ދަނޑުގައި ފަހު ވަގުތު ހެލަސް ވެރޯނާއާ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ވެރޯނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮނިން ބަރަކެވެ. އަދި މެޗުގެ 19 ވަނަ މިނެޓުގައި ވެރޯނާއިން އެ ޓީމުގެ ލީޑު ފުޅާކުރިއިރު، މި ލަނޑަކީ މިލާނުގެ ޑޭވިޑް ކަލާބްރިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެކަމަކު އޭގެ އަށް މިނެޓު ފަހުން މިލާނުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަަނޑަކީ ވެރޯނާގެ ޖިއަންޖިއާކޮމޯ މަންޏާނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ނަތީޖާ އެއްވަރުކުރުމަށް މިލާނަށް އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 65 ވަނަ މިނެޓުގައެވެ. އެ ޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ޒްލަޓާން އިބްރަހިމޮވިޗް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ކަލާބްރިއާ މިލާނަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ކުރިން މިލާނުގެ ކުޅުންތެރިން ފައުލެއް ކުރުމާ ގުޅިގެން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އިބްރަހިމޮވިޗް ވަނީ ލަނޑެއް ޖަހާ މި މެޗުން މިލާން ސަލާމަތްކޮށްދީފައެވެ.

އެޓަލާންޓާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ އިންޓަ އެއްވަރުވީ ރަށުން ބޭރުގައި އެޓަލާންޓާއާ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި އިންޓައިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ. މެޗުގައި އެޓަލާންޓާއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެލެކްސީ މިރާންޗަކެވެ.

މި ނަތީޖާތަކާއެކު އިޓާލިއަން ލީގުގެ އެއްވަނައިގައި މިލާން އޮތީ ކުޅުނު ހަތް މެޗުން 17 ޕޮއިންޓާއެކުއެވެ. މި ސީޒަނުގެ ލީގުގައި މިލާނުން އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ. އަދި މިލާނާ އެންމެ ވާދަވެރި އިންޓަ އޮތީ ތާވަލުގެ ހަތްވަނައިގައި ހަތް މެޗުން 12 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް