ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 07:52
ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ސިޓީ އާއި ލިވަޕޫލް އެއްވަރު، ލެސްޓާ އެއްވަނައަށް
ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
ވުލްވްސް އަތުން ލެސްޓާ މޮޅުވީ 1-0 ގެ ނަތީޖާއަކުން
އާސެނަލް އަތުން އެސްޓަން ވިލާ މޮޅުވީ 3-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ވުލްވްސް އަތުން މޮޅުވި ލެސްޓާ ސިޓީ ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އެއްވަރުވީ ސިޓީގެ ދަނޑުގައި ކުޅުނު މެޗުން 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ލިވަޕޫލަށް ޖަހައިދިނީ މުޙައްމަދު ސަލާހެވެ. މިއީ އޭރިއާ ތެރެއިން ސިޓީގެ ކައިލް ވޯކާ ލިވަޕޫލުގެ ސަޑިއޯ މާނޭއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ މި މެޗުގައި ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަބްރިއެލް ޖީސޫސްއެވެ.

އަދި ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ސިޓީއަށް ވަނީ މެޗުގައި ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ލިވަޕޫލުގެ ޑިފެންޑަރު ޖޯ ގޯމޭޒްގެ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ސިޓީއަށް ޕެނަލްޓީއެއް ދިން ނަމަވެސް، ޑި ބްރޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

ލެސްޓާ އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 1-0 ން

ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ސިޓީ އާއި ލިވަޕޫލް އެއްވަރުވިއިރު، ތާވަލުގެ އެއްވަނައަށް ލެސްޓާ ޖެހިލީ ވުލްވްސް އަތުން 1-0 ން މޮޅުވެގެންނެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 15 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖެމީ ވާޑީއެވެ. މިއީ އޭރިއާ ތެރެއިން ވުލްވްސްގެ މެކްސް ކިލްމަނުގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.

އަދި އޭގެ ފަހުން މެޗުގެ 39 ވަނަ މިނެޓުގައިވެސް ލެސްޓާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އޭރިއާ ތެރެއިން ލެސްޓާގެ ޖޭމްސް ޖަސްޓިންއަށް ކުރި ފައުލަކަށް ވީއޭއާރް ބެލުމަށްފަހު ރެފުރީ ޕެނަލްޓީއެއް ދިން ނަމަވެސް، ވާޑީ ފޮނުވާލި ދެވަނަ ޕެނަލްޓީ ވުލްވްސް ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފައެވެ.

މި ނަތީޖާތަކާއެކު ލެސްޓާ އެއްވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ތިންވަނައިގައި އޮތް ލިވަޕޫލަށް އަށް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. އަދި ސިޓީ އޮތީ ލީގުގެ 10 ވަނައިގައި ހަތް މެޗުން 12 ޕޮއިންޓާއެކުއެވެ.

އާސެނަލާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވިލާ މޮޅުވީ 3-0 ން

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ އެސްޓަން ވިލާއިން ވަނީ އާސެނަލުގެ ދަނޑުގައި އެ ޓީމު ބަލިކޮށްފައެވެ. މި މެޗުން ވިލާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ޖޯން މެކްގިން ވިލާއަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް، އެ ޓީމުގެ ރޮސް ބާކްލީ އޮފްސައިޑުގައި ހުރުމުން ވީއޭއާރުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު މެޗުގެ 25 ވަނަ މިނެޓުގައި އާސެނަލުގެ ބުކަޔޯ ސަކާ އަތުން ބައިކޮޅަށް ވަން ލަނޑުން ވިލާއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ.

އަދި މެޗުގެ 72 ވަނަ މިނެޓުގައި އޮލީ ވަޓްކިންސް ވިލާއަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ ވިލާގެ ތިންވަނަ ލަނޑުވެސް ޖަހާފައެވެ.

މި މޮޅާއެކު ވިލާ އޮތީ ތާވަލުގެ ހަވަނައިގައި ހަތް މެޗުން 15 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް އޮތީ ތާވަލުގެ 11 ވަނައިގައި އަށް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް