ކ. މާލެ
|
8 ނޮވެންބަރ 2020 | އާދީއްތަ 11:11
ޕީއެސްޖީ އާއި ރެނެސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ން
ޕީއެސްޖީ އާއި ރެނެސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ޑި މާރިއާގެ ދެ ލަނޑުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް
ރެނެސް އަތުން ޕީއެސްޖީ މޮޅުވީ 3-0 ގެ ނަތީޖާއަކުން
ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައި 24 ޕޮއިންޓާއެކު

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ރެނެސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އަނިޔާގެ ސަބަބުން ކީލިއަން އެމްބާޕޭ، ނޭމާ އަދި މައުރޯ އިކާޑީ ނުލައި ޕީއެސްޖީން ކުޅުނު މި މެޗުގައި ތަފާތު ދެއްކީ އެ ޓީމުގެ ފޯވާޑް އެންހެލް ޑި މާރިއާއެވެ. މި މެޗުގައި ޕީއެސްޖީން ލީޑު ނަގާފައިވަނީ މެޗުގެ 11 ވަނަ މިނެޓުގައެވެ. ޑި މާރިއާގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެވަޓަނުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ މޮއިސް ކީނެވެ. މި މެޗުގައި ކީން ލަނޑު ޖެހިއިރު، މި ނިމުނު ޓްރާންސްފާގައި ޕީއެސްޖީއާ ގުޅުނު ޒުވާން ފޯވާޑް އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗުގައި ޕީއެސްޖީން ލީޑު ފުޅާކޮށްފައިވަނީ 21 ވަނަ މިނެޓުގައި ޑި މާރިއާ ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ޑި މާރިއާ ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު 10 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިލްއަށް ކުޅުނު ނުވަ މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. އަދި ޕީއެސްޖީ އަތުން ބަލިިވި ރެނެސް އޮތީ ތާވަލުގެ ތިންވަނައިގައި 10 މެޗުން 18 ޕޮއިންޓާއެކުއެވެ.

ލީގުގައި ދެން ޕީއެސްޖީން މެޗެއް ކުޅޭނީ ބައިނަލްއަގުވާމީ ބްރޭކަށްފަހު މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ރަށުން ބޭރުގައި ޕީއެސްޖީ ނުކުންނާނީ މޮނާކޯއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް