ކ. މާލެ
|
8 ނޮވެންބަރ 2020 | އާދީއްތަ 10:25
ޗެލްސީ އާއި ޝެފީލްޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 4-1 ން
ޗެލްސީ އާއި ޝެފީލްޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 4-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޝެފީލްޑް ބަލިކޮށް ޗެލްސީ ތިންވަނައަށް
ޝެފީލްޑް އަތުން ޗެލްސީ މޮޅުވީ 4-1 ގެ ނަތީޖާއަކުން
ޗެލްސީ ތިންވަނައަށް ޖެހިލީ 15 ޕޮއިންޓް ހަމަކޮށްގެން

އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން ފަހަތުން އަރައި މޮޅުވެ ލީގުގެ ތިންވަނައަށް ޗެލްސީ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ޝެފީލްޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި ޝެފީލްޑަށް ލީޑު ނަގައިދިނީ ޑޭވިޑް މެކްގޯލްޑްރިކެވެ. އެކަމަކު މެޗުގެ 23 ވަނަ މިނެޓުގައި ޓެމީ އަބްރަހަމުގެ ލަނޑުން ޗެލްސީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 34 ވަނަ މިނެޓުގައި ހަކީމް ޒިޔެކް ނަގައިދިން ހުރަހަކުން ބެން ޗިލްވެލް ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

މި މެޗުގައި ޗެލްސީން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. ޒިޔެކްގެ ހުރަހަކުން މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ތިއާގޯ ސިލްވާއެވެ. މިއީ ޗެލްސީއާ ގުޅުމަށްފަހު ސިލްވާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޝެފީލްޑް ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓިމޯ ވާނާ ވަނީ ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ޗެލްސީ ތިންވަނައަށް ޖެހިލީ ކުޅުނު އަށް މެޗުން 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ތާވަލުގެ އެއްވަނައިގައި މި ވަގުތު އޮތް ސައުތެމްޓަނަށް އަށް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިވަޕޫލަށް 16 ޕޮއިންޓް ލިބިފައިވަނީ ހަތް މެޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް