ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 17:51
ހޮނިހިރު ދުވަހުގެރޭ ރަހުމު ކުޑަގޮތަކަށް މަރާލި ޔާމީން ރަޝީދުގެ ހަށިގަނޑު އައިޖީއެމްއެޗްގައި
ހޮނިހިރު ދުވަހުގެރޭ ރަހުމު ކުޑަގޮތަކަށް މަރާލި ޔާމީން ރަޝީދުގެ ހަށިގަނޑު އައިޖީއެމްއެޗްގައި
ރާއްޖެއެމްވީ
މަރަކަށްފަހު މަރެއް
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
ރަހުމުކުޑަ އެތައް މަރެއްގެ ހަގީގަތް އެނގޭނެ ގޮތެއްނެތް
ރިލްވާނަށް ވީ ގޮތެއް އަދިވެސް ނޭނގޭ
ޑރ. އަފްރާޝީމްގެ މަރުގެ ހަގީގަތް އަދިވެސް ފޮރުވިފައި

އުމުރުން 29 އަހަރުގެ ސ. ފޭދޫ ޗަނބޭލީގޭ ޔާމީން މަރާލާފައި އޮއްވައި ފެނުނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 3 ޖަހާ ކަންހާއިރު އެވެ. ހޮސްޕިޓަލަށް ގެނެވުނީ 3:15 ހާއިރުއެވެ. ހަތަރެއް ނުޖަހަނީސް އޭނާގެ ފުރާނަ ހިނގައްޖެއެވެ. ހުނަރުވެރި، ހީވާގި ދިވެހި ދަރިއެއްގެ ފުރާނަ ރަހުމު ކުޑަބަޔަކު ދުއްވާލީއެވެ.

އަސަރާއެކު އޭނާގެ ބައްޕަ ކިޔައިދިން ގޮތުގައި، އޭނާގެ ހަށިގަނޑުގެ އެތައް މިތަނަށް ހުރީ ވަޅި ހަރާފައެވެ. ބޮލަށާއި، މެޔަށާއި ކަރަށް ލަފާކުރެވޭ ގޮތުގައި 24 ހަމަލާއެއް އަމާޒުވެފައިވެއެވެ.

ޔާމީންގެ ގާތްމީހުން ބުނާ ގޮތުގައި ޔާމީން ވަރަށް ދަންވަންދެން ހޮނިހިރު ދުވަހުގެ ރޭ އޮފީހުގައި މަސައްކަތް ކުރަން އުޅުމަށްފަހު ގެއަށް ދިޔައީ ހިނގައިފައެވެ. އޭނާގެ ގާތިލުންގެ ރަހުމު ކުޑަ އެތިފަހަރުތައް ހަށިގަނޑަށް އަމާޒުވެ ފެނުނީ ސިޑިގޮޅީގެ ތެރެއަށް ވެއްޓިފައި އޮއްވައެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެނައިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ރަހުމު ކުޑަގޮތަކަށް ޔާމީން ރަޝީދު މަރާލި ވާހަކައިގެ ޚަބަރާއެކު އެތައް ބައެއްގެ ހިތައް ނުތަނަވަސް ކަމާ ބިރުވެރިކަން ވެރިވެއްޖެއެވެ.

މިހިނގަމުންދާ ނުރައްކާތެރި ކަންކަމުގައި ހުރި އެއްގޮތް ސިފަތަކާއި އެކަންކަމުގެ ހަގީގަތްތައް ހޯދުމަށް ކުރޭ އެއްވެސް މަސައްކަތަކުން ނަތީޖާއެއް ނުނެރެވޭ ވާހަކަތައް ހަރުއަޑުން ދެކެވެން ފަށައިފިއެވެ.

އިންސާފުގެ ކުރިމައްޗަށް "ކަނބަޅި" އެއް ނެރެ ގުރުބާން ކުރާ އުސޫލުން ކަމަކަށް ކަމެއް ކޮށްފައި، އެކަމެއް ފަސްއަޅާ ފޮރުވާލާ ވާހަކަ އަނެއްކާވެސް އުތުރި އަރަންފަށައިފިއެވެ.

ޑރ. އަފްރާޝީމްވެސް ވަޑައިގެންނެވީ، ބޭރުގައި އުޅުއްވުމަށްފަހު ގެއަށެވެ. ހަށިކޮޅު ނެރެން ޖެހުނީ ސިޑި ބުޑުން ކޮށާލާފައި އޮއްވައެވެ.

ރިލްވާންވެސް ދިޔައީ ލަސްވަންދެން މާލޭގައި ރޭގަނޑު އުޅުމަށްފަހު ހުޅުމާލޭގައި އޭނާ ދިރިއުޅޭ ތަނަށެވެ. ވީ ނުވީއެއް ނޭނގުނެވެ. އަދި އަދަށްދާންވެސް ރިލްވާން ކޮބާތޯ ކިޔާލަ ކިޔާލާ މިތިބީއެވެ.

ޔާމީން ރަޝީދުވެސް ދަންވަންދެން މަސައްކަތުގައި އުޅުމަށްފަހު ދިޔައީ ގެއަށް ވަންނާނެވެ. ހަށިގަނޑު ނެރުނީ ކޮށާލާފައި އޮއްވާ ސިޑި ބުޑުންނެވެ.

ޔާމީނަށްވެސް، ޑރ. އަފްރާޝީމަށްވެސް އަދި ރިލްވާނަށްވެސް މަރުގެ އެތައް އިންޒާރެއް އައިސްފައިވާ ކަން ހާމަވެފައިވެއެވެ. އެކަންކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވެސް ވެއެވެ. ވީކަމެއް ކޮށްދެވުނު ކަމެއް ނެތެވެ.

މިނޫނަސް ރަހުމު ކުޑަ އެތައް މަރެއް ލޯ މަތިން ފެނި ހިނގައްޖެއެވެ. އެކަންކަމުގައި އަޑީގައި ތިބި ބައެއް އިންސާފުގެ ކުރިމައްޗަށް ގެނައި ތަނެއް ނުފެނެއެވެ.

މަރުހޫމް އަފްރާޝީމް ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލި ހާދިސާ އަށް ފަސް އަހަރު ހިނގައިފިއެވެ. 2012 ވަނަ އަހަރުގެ މިހާދިސާއާ ގުޅިގެން 11 މީހުން ހައްޔަރުކޮށް ސުވާލުކޮށް އެހާދިސާއާ ގުޅިގެން 200 އަށް ވުރެ ގިނަ ހެއްކާއި، ގަރީނާ ހޯދިފައިވާ ކަމާއި، 500 އަށް ވުރެ ގިނަ ގަޑީއިރުގެ ވީޑިއޯ ފުޓޭޖާއި، 13،000 އަށް ވުރެ ގިނަ ފޯނުކޯލު ދިރާސާ ކޮށްފައިވާ ކަމަށާއި، މިއީ ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކުރި ކަމެއް ކަމަށާއި، އެކަމުގެ އަޑީގައި ބަޔަކު ތިބި ކަމަށްވެސް އޭރުގެ މިނިސްޓަރުންނާއި، ފުލުހުންގެ ވެރިން ހާމަކުރައްވާފައިވެއެވެ. ނަތީޖާއަކީ ކޮބާތޯއެވެ؟ ފަސް އަހަރު ފާއިތު ވެގެން ދިޔައިރުވެސް މިހާތަނަށް އެ ޖަރީމާ ހިންގައި ރޭވުމުގައި ބައިވެރިވި އެއްވެސް ފަރާތެއް ހޯދިފައެއް ނުވެއެވެ.

ރިލްވާން ގެއްލުވާލި ހިތްދަތިކަން ދިވެހިންގެ ހިތްތަކުން ފިލައިގެންނެއް ނުދެއެވެ. 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ހިނގައިދިޔަ މި ހިތްދަތި ހާދިސާއަށް ފަހު ޔާމީންއަކީ ރިލްވާން ގެއްލުމުގެ މައްސަލާގައި އެންމެ ކުރީ ސަފުގައި، އިންސާފު ހޯދުމަށް ހުއްޓުމެއް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން އައި ޒުވާނެކެވެ. އެންމެ ފަހުން ޔާމީންގެ ހަށިގަނޑާއި ފުރާނަ ދެތަން ކޮށްލި އިރުވެސް ރިލްވާނަށް ވީ ގޮތެއް ބުނެދޭން އެނގުނު ކަމަކަށް ނުވިއެވެ.

އަނިޔާވެރިކަމާ އެކު ތޫނު އެއްޗެހިން ހަމަލާދީ މީހުން މެރުމަކީ ރާއްޖޭގައި މިހާރު އާއްމު ނޫން ކަމެކޭ ދެންނެވުން ދަތިވެއްޖެއެވެ.

ދަންވަރު މަސައްކަތް ކޮށްފައި ގެއަށް އައިސް ދިރިއުޅޭ ކޮޓަރިއާ ހަމައަށް ސަލާމަތުން ހުރެ ދެވިދާނެ ކަމާ މެދު ޝައްކު އުފެދޭ ހިސާބަށް ކަންކަން ހިނގައްޖެއެވެ.

މިހާހިސާބުން މީހުންގެ ހިތައް މި ބިރުވެރި ސުވާލު ނާރާ ނުދާނެއެވެ. ދެން ކާކު ބާވައެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް