ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 22:33
ބާސާ އާއި ބެޓިސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 5-2 ން
ބާސާ އާއި ބެޓިސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 5-2 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ބެޓިސް އަތުން ބާސާއަށް ފަސޭހަ މޮޅެއް
ބެޓިސް އަތުން ބާސާ މޮޅުވީ 5-2 ގެ ނަތީޖާއަކުން
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބާސާ މޮޅުވި ފުރަތަމަ މެޗު

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ރެއާލް ބެޓިސް އަތުން ބާސެލޯނާ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބާސާ މޮޅުވި ފުރަތަމަ މެޗެވެ.

މި މެޗު ބާސާއިން ފަށާފައިވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބެންޗުގައި ބައިންދައިގެންނެވެ. މެޗުގެ ކުރީކޮޅު ބާސާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭއެވެ. އަދި ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން ބާސާއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. ބާސާގެ އަންސޫ ފަޓީއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް އެ ޓީމަށް ޕެނަލްޓީއެއް ދިން ނަމަވެސް، އެންޓޮއިން ގްރީޒްމަން ފޮނުވާލި ޕެނަލްޓީ ބެޓިސްގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެންޓޯނިއޯ ސަނަބްރިއާ ވަނީ ލަނޑެއް ޖަހާ ބެޓިސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެއާއެކު ދެވަނަ ހާފު ބާސާއިން ފެށީ މެސީއާއެކުގައެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ގްރީޒްމަނުގެ ލަނޑުން ބާސާއިން ވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ.

މެޗުގައި ބެޓިސްއަށް އިތުރު މައްސަލަތަކެއް ދިމާވީ 61 ވަނަ މިނެޓުގައި އެ ޓީމުގެ އައިސަ މަންޑީއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. މަންޑީއަށް ރެފުރީ ރަތް ކާޑެއް ދެއްކީ ގޯލު ރޮނގުމަތިން ބޯޅައިގައި އަތްލުމާ ގުޅިގެން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހުއެވެ. އެއާއެކު ބާސާއަށް ޕެނަލްޓީއެއް ދިންއިރު، މެސީ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ލޮރެން މޮރޯން ބެޓިސްއަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، 82 ވަނަ މިނެޓުގައި މެސީ ވަނީ އިތުރު ލަނޑެއް ޖަހާ ބާސާއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. އަދި 90 ވަނަ މިނެޓުގައި ޕެޑްރީ ވަނީ ބާސާގެ ފަސްވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ބާސާ ވަނީ ތާވަލުގެ އަށްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ވަނީ ކުޅުނު ހަތް މެޗުން 11 ޕޮއިންޓް ލިބިފައެވެ. އަދި ބާސާ އަތުން ބަލިވި ބެޓިސް އޮތީ ތާވަލުގެ ހަތްވަނައިގައި ނުވަ މެޗުން 12 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް