ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 19:55
އެވަޓަނާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 3-1 ން
އެވަޓަނާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޔުނައިޓެޑުން ފަހަތުން އަރައި އެވަޓަން ބަލިކޮށްފި
އެވަޓަން އަތުން ޔުނައިޓެޑް މޮޅުވީ 3-1 ގެ ނަތީޖާއަކުން
ޔުނައިޓެޑް އޮތީ ތާވަލުގެ 13 ވަނައިގައި 10 ޕޮއިންޓާއެކު

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ކުޅުނު މެޗުން ފަހަތުން އަރައި އެވަޓަން ބަލިކޮށްފިއެވެ.

އެވަޓަނުގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 19 ވަނަ މިނެޓުގައި އެވަޓަނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބާނާޑެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ޔުނައިޓެޑުން ވަނީ މެޗުގައި ނަތީޖާ އެއްވަރުކޮށްފައެވެ. ލޫކް ޝޯ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ފެނާންޑޭސް ވަނީ މެޗުގައި ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޔުނައިޓެޑުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ފެނާންޑޭސްގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޑިންސަން ކަވާނީއެވެ. މިއީ މި ނިމުނު ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުނައިޓެޑާ ގުޅުނު ކަވާނީ އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 13 ވަނައިގައި ކުޅުނު ހަތް މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. އަދި ޔުނައިޓެޑް އަތުން ބަލިވި އެވަޓަން އޮތީ ތާވަލުގެ ފަސްވަނައިގައި އަށް މެޗުން 13 ޕޮއިންޓާއެކުއެވެ.

ލީގުގައި ދެން ޔުނައިޓެޑުން މެޗެއް ކުޅޭނީ ބައިނަލްއަގުވާމީ ބްރޭކަށްފަހު މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ޔުނައިޓެޑް ނުކުންނާނީ ވެސްޓް ބްރޮމާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް