ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 17:22
އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ
އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ
ގެޓީ އިމޭޖަސް
މަންޗިނީ ވައިރަހަށް ޕޮޒިޓިވްވުން
އިޓަލީގެ ކޯޗު މަންޗިނީ ކޮވިޑް-19 އަށް ޕޮޒިޓިވް
ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، މަންޗިނީގެ ކިބައިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ
މަންޗިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އިޓަލީން މި މަހު ތިން މެޗެއް ކުޅޭނެ

އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިޓާލިއަން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މަންޗިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮޮށްފައެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މަންޗިނީ ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ކިބައިން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށާއި، އެކަމަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ޕަންޗިނީ މިހާރު ހޯމް-އައިސޮލޭޝަނަށް ބަދަލުވެފައިވާ ކަމަށެވެ.

މަންޗިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އިޓަލީން މި މަހު ތިން މެޗެއް ކުޅޭނެއެވެ. އެއީ އަންނަ ބުދަ ދުވަހު އެސްޓޯނިއާއާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗާއި، އޭގެ ފަހުން ޔުއެފާ ނޭޝަންސް ލީގުގައި ޕޮލެންޑާއި ބޮސްނިއާއާ ބައްދަލުކުރާ މެޗުތަކެވެ. މި މެޗުތަކުގައި މަންޗިނީއަށް އިޓަލީގެ ބެންޗަށް ދެވޭނީ ޔުއެފާގެ ސިއްހީ އުސޫލުތަކުގައި ބުނާގޮތުން ކޮވިޑް-19 ގެ ދެ ނެގެޓިވް ޓެސްޓު ހުށަހެޅުމުންނެވެ.

އިޓަލީގެ ކޯޗުގެ މަގާމާއި މަންޗިނީ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އެފަހަރު އެ މަގާމު ހުސްވީ 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެ ގައުމަށް ފީފާ ވޯލްޑް ކަޕުގެ ޖާގައެއް ގެއްލުމާ ގުޅިގެން އޭރު ކޯޗުގެ މަގާމުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ މަގާމުން ވަކިކުރުމުންނެވެ.

އިޓަލީގެ ކޯޗުގެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ ކޯޗުކަން ކޮށްދިނީ ޒެނިތަށެވެ. މަންޗިނީގެ ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ މެންޗެސްޓާ ސިޓީ އާއި ގަލަތަސަރާއި އަދި އިންޓަ މިލާނާއި ލާޒިއޯގެ އިތުރުން ފިއޮރެންޓީނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭނާ ވެގެންދިޔައީ 2012 ވަނަ އަހަރު ސިޓީއަށް އެ ޓީމުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗަށެވެ. އަދި އޭނާ ވަނީ އިންޓަ މިލާނަށް ޖެހިޖެހިގެން ތިން ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް