މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ގްރީން ފަންޑުގައި ހުރީ 907 މިލިއަން ރުފިޔާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ގްރީން ފަންޑުގައި ހުރީ 907,820,575.88 (ނުވަ ސަތޭކަ ހަތް މިލިއަން އަށް ލައްކަ ވިހި ހާސް ފަސް ސަތޭކަ ހަތްދިހަ ފަސް ރުފިޔާ އަށްޑިހަ އަށް ލާރި) ރުފިޔާއެވެ.
އެގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ގްރީން ފަންޑުން 169,459,862.58 (ސަތޭކަ ފަސްދޮޅަސް ނުވަ މިލިއަން ހަތަރު ލައްކަ ފަންސާސް ނުވަ ހާސް އަށް ސަތޭކަ ފަސްދޮޅަށް ދެ ރުފިޔާ ފަންސާސް އަށް ލާރި) ވަނީ ބޭނުން ކޮށްފައެވެ. އަދި 294,698,799.45 (ދުވިސައްތަ ނުވަދިހަ ހަތަރު މިލިއަން ހަ ލައްކަ ނުވަދިހަ އަށް ހާސް ހަތް ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ސާޅީސް ފަސް ލާރި) ވަނީ ގްރީން ފަންޑަށް ޖަމާކޮށްފައެވެ.
މި އަހަރު ފެށުނު އިރު ގްރީން ފަންޑުގައި 782,581,639.01 (ހަތް ސަތޭކަ އަށްޑިހަ ދެ މިލިއަން ފަސް ލައްކަ އަށްޑިހަ އެއް ހާސް ހަ ސަތޭކަ ތިރީސް ނުވަ ރުފިޔާ) ހުރި އިރު، އަހަރުގެ ޖެނުއަރީ މަހު ގްރީން ފަންޑަށް 84,340,968.78 (އަށްޑިހަ ހަތަރު މިލިއަން ތިން ލައްކަ ސާޅީސް ހާސް ނުވަ ސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ ހަތްދިހަ އަށް ލާރި) ވަނީ އިތުރުވެފައެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ގްރީން ފަންޑުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ މާޗް މަހުއެވެ. އެއީ 47,653,567.13 (ސާޅީސް ހަތް މިލިއަން ހަ ލައްކަ ފަންސާސް ތިން ހާސް ފަސް ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ ތޭރަ ލާރިއެވެ. އަދި އެންމެ ކުޑަ ހަރަދު ޖެނުއަރީ މަހު ކޮށްފައިވާ އިރު، އެއީ 584,873.27 (ފަސް ލައްކަ އަށްޑިހަ ހަތަރު ހާސް އަށް ސަތޭކަ ހަތްދިހަ ތިން ރުފިޔާ ހަތާވީސް ލާރިއެވެ.
މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި މި އަހަރު ލިބުނު އެންމެ ބޮޑު އަދަދު ޖެނުއަރީ މަހު ލިބިފައިވާ އިރު، އެ މަހު ގްރީން ފަންޑަށް 84,925,842.05 (އަށްޑިހަ ހަތަރު މިލިއަން ނުވަ ލައްކަ ފަންސަވީސް ހާސް އަށް ސަތޭކަ ސާޅީސް ދެ ރުފިޔާ) ވަނީ ލިބިފައެވެ. އަދި އެންމެ ކުޑަ އަދަދު ޖޫން މަހު ލިބިފައިވާ އިރު، އެއީ 3,936,607.14 (ތިން މިލިއަން ނުވަ ލައްކަ ތިރީސް ހަ ހާސް ހަ ސަތޭކަ ހަތް ރުފިޔާ ސާދަ ލާރި)އެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައުމާ ގުޅިގެން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެމުން ދިޔަ އާމްދަނީ ދެވަނަ ކުއާޓަރުގައި އެއްކޮށް ހުއްޓުނެވެ. އަލުން ބޯޑަރުތައް ހުޅުވާލި ނަމަވެސް، މި ހާލަތުގެ ކުރިން އޮތް އަދަދާ ގާތްކުރާ އަދަދަށް ވެސް އަދި ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާފައެއް ނުވެއެވެ.