އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުން ވައްކަން ކޮށްފައިވާ ކަމަށް އެ ޤައުމުގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކެނޑިޑޭޓް ޖޯ ބައިޑެންއަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށް ބެލެވިފައިވާ މި ދަނޑިވަޅުގައި ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ވޯޓުގެ ނަތީޖާ ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، އިދިކޮޅުން ވޯޓުން ވައްކަން ކޮށްފައިވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ، ފްލޮރިޑާ، އޮހިއޯ، އިންޑިއާނާ ފަދަ ސްޓޭޓްތައް އެމަނިކުފާނު މިހާރުވެސް ފަސޭހަކަމާއެކު ކާމިިޔާބު ކުރައްވާފައިވާ ކަމަށާއި، ޖުމުލަ ގޮތެއްގައި އިންތިޚާބު ކާމިޔާބު ކުރެއްވުނީ އެމަނިކުފާނަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު ގުނަމުންދާ ބޮޑެތި ސްޓޭޓް ތަކުގެ ނަތީޖާތައް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ޓްރަމްޕް ވަނީ ކުރައްވާފައެވެ.
ޓްރަމްޕް އެހެން ވިދާޅުވެފައިވާއިރު، މިޗިގަންއާއި ވިސްކޮންސިންގެ ވޯޓުތަކުގެ ނަތީޖާތައް ދައްކާގޮތުން ކުރީގައި އުޅެނީ ބައިޑެން ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެއީ ޓްރަމްޕަށް ކާމިޔާބު ވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުންވެސް ޔަޤީން ކޮށްގެން ތިބި 2 ސްޓޭޓެވެ. އެއާއެކު ޕެންސިލްވޭނިއާގެ ވޯޓު ބައިޑެންއަށް ކާމިޔާބު ކުރެވިއްޖެނަމަ ޝައްކެއް ނެތި އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށްވެސް ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.
އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، ކުރިން ވޯޓުލާ މަރުޙަލާ (މެއިލް އިން ވޯޓިންގ) އަކީ ކޮރަޕްޓް ނިޒާމެއް ކަމަށާއި، މެއިލް އިން ވޯޓިންގ މެދުވެރިކޮށް ވޯޓުތައް އޮޅުވާލަމުން ގެންދަވާ ކަމަށެވެ. އަދި އެއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ، އިންތިޚާބުގެ ނަޒާހަތްތެރިކަން ދަމަހައްޓަވަން ޖެހޭ ކަމަށާއި، އިންތިޚާބުގައި ވަމުންދާ ގޮތް ރައްޔިތުންނަށްވެސް ނުހަނު ސާފު ކަމަށެވެ. އަދި މިއީ ސީދާ އިންތިޚާބު އޮޅުވާލައި ވޯޓުން ވައްކަން ކުރުން ކަމުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފައެވެ. އަދި މިކަމުގައި ގޮތެއް ނިންމަވަން ވާނީ ކޯޓުން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.