ކ. މާލެ
|
6 ނޮވެންބަރ 2020 | ހުކުރު 11:36
މިލާނާއި ލިލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިލް މޮޅުވީ 3-0 ން
މިލާނާއި ލިލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިލް މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
ލިލްއިން މިލާނުގެ ރިކޯޑަށް ނިމުން ގެނެސްފި
މިލާން ބަލިވީ ލިލް އަތުން 3-0 ގެ ނަތީޖާއަކުން
މި މެޗުގެ ކުރިން މިލާނުން ވަނީ މެޗަކުން ބަލިނުވެ 24 މެޗު ހަމަކޮށްފައި

ޔުއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ލިލް އަތުން ބަލިވެ، މި ސީޒަނުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޭސީ މިލާނުން ދަމަހައްޓަމުން އައި ރިކޯޑަށް ނިމުމެއް އަތުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން ބަލިވީ ލިލް އަތުން 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން މިލާނުން ވަނީ މެޗަކުން ބަލިނުވެ 24 މެޗު ހަމަކޮށްފައެވެ. ޔޫރޮޕާ ލީގުގައި ކުޅުނު މެޗުން މިލާން ބަލިވި ނަމަވެސް، މި ސީޒަނުގެ އިޓާލިއަން ލީގުގައި ކުޅުނު މެޗަކުން މިލާން އަދި ބަލިވެފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ލިލްއިން ކާމިޔާބުކުރި ތިން ލަނޑުވެސް ޖަހާފައިވަނީ ޔޫސުފް ޔާޒިޗީއެވެ. އެގޮތުން މެޗު ފަށައިގެން 22 ވަނަ މިނެޓުގައި ޔާޒިޗީ ވަނީ ޕެނަލްޓީއަކުން ލިލްއަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޔާޒިޗީ ލިލްގެ ލީޑު ފުޅާކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން އިތުރު ލަނޑެއް ޖަހާ ޔާޒިޗީ ވަނީ ހެޓްރިކް ހަދާފައެވެ.

މި މޮޅާއެކު ލިލް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދާ ގްރޫޕް އެޗުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނައަށް ވެއްޓުނު މިލާނަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ސްޕާޓާ ޕްރާގް ވަނީ ބުރާސްފަތި ދުވަހުގެރޭ ރަށުން ބޭރުގައި ސެލްޓިކް އަތުން 4-1 ން މޮޅުވެފައެވެ. މި މޮޅާއެކު ގްރޫޕުގެ ތިންވަނައަށް ޕްރާގް ޖެހިލީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ސެލްޓިކަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް