ޔުއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާވެސް މޮޅުވެއްޖެއެވެ.
އާސެނަލް މޮޅުވީ އަމިއްލަ ދަނޑުގައި މޯލްޑް އަތުން 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މޯލްޑުންނެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި މާޓިން އެލިންގްސެން ވަނީ މޯލްޑަށް ލީޑު ނަގައިދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މޯލްޑުގެ ކްރިސްޓޮފާ ހޯގެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އަދި މި މެޗުގައި އާސެނަލުން ލީޑު ނަގާފައިވަނީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑަކީވެސް މޯލްޑުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ އާސެނަލުގެ ލީޑު ފުޅާކޮށްދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޖޯ ވިލޮކެވެ.
މި މޮޅާއެކު ގްރޫޕް ބީގެ އެއްވަނައިގައި އާސެނަލް އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މޯލްޑަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ޑަންޑަލްކް އަތުން 4-3 ން މޮޅުވި ރެޕިޑް ވިއެން އޮތީ ތިންވަނައިގައި ތިން މެޗުން ތިން ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ޑަންޑަލްކަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ލުޑޮގޮރެޓްޒް ރަޒްގްރަޑް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
ލުޑޮގޮރެޓްޒްގެ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭނެވެ. މިއީ ޓޮޓެންހަމަށް ކުޅެދިން 300 ވަނަ މެޗުގައި ކޭން ޖެހި 200 ވަނަ ލަނޑެވެ.
ކޭންގެ ލަނޑުން ޓޮޓެންހަމުން މި މެޗުގައި ލީޑު ނެގިއިރު، މެޗުގެ 33 ވަނަ މިނެޓުގައި ލޫކަސް މޯރާ ވަނީ ޓޮޓެންހަމުގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ލުޑޮގޮރެޓްޒްއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްލައުޑިއޫ ކެސޭރޫއެވެ. މި މެޗުގައި ޓޮޓެންހަމުން ދެވަނަ ފަހަރަށް ލީޑު ފުޅާކުރީ މެޗުގެ 62 ވަނަ މިނެޓުގައި ޖިއޮވާނީ ލޮ ސެލްސޯ ކާމިޔާބުކުރި ލަނޑުންނެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް ޖޭގައި ހިމެނޭ ޓޮޓެންހަމް މޮޅުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ލާސްކް ވަނީ ރަށުން ބޭރުގައި ރޯޔަލް އެންޓްވާޕް އަތުން 1-0 ން މޮޅުވެފައެވެ.
މި ނަތީޖާތަކާއެކު އެއްވަނައިގައި އޮތް ޓޮޓެންހަމާއި، ދެވަނައިގައި އޮތް ރޯޔަލް އެންޓްވާޕް އަދި ތިންވަނައިގައި އޮތް ލާސްްކަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި ލުޑޮގޮރެޓްޒް އޮތީ ޕޮއިންޓެއް ނުލިބިއެވެ.