އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން އަންގާރަ ދުވަހުގެރޭ ކުއްލި އޮޕަރޭޝަނެއް ކުރިއިރު، އެ އޮޕަރޭޝަނަށްފަހު މަރަޑޯނާގެ ހާލު އަންނަނީ ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހު އެންމެ ފުރަތަމަ މަރަޑޯނާގެ ހާލަތު ގޯސްވެގެން ޑޮކްޓަރަށް ދެއްކީ ލަ ޕްލާޓާގައި ހުންނަ ހޮސްޕިޓަލަކަށެވެ. އެ ތަނުގައި ހެދި ސްކޭންތަކުން މަރަޑޯނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރިކަން އެނގުމާއެކު ވަގުތުން ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންދިޔައިރު، އެ ހޮސްޕިޓަލުގެ ޑރ. ލިއޮޕޮލްޑޯ ލޮޕޭޒް ވަނީ މަރަޑޯނާގެ ސިކުނޑީގެ ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް ބުނެފައެވެ. އެއާއެކު އަންގާރަ ދުވަހުގެރޭ މަރަޑޯނާގެ ކުއްލި އޮޕަރޭޝަނެއް ކުރިއެވެ.
އާޖެންޓީނާގެ ރިޕޯޓުތައް ބުނާގޮތުން މަރަޑޯނާގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، މިހާރު އޭނާ އޮތީ އޮބްޒަވޭޝަނުގައެވެ. އަދި މަރަޑޯނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އަންނަ ހުކުރު ދުވަހު މަރަޑޯނާއަށް 60 އަހަރު ފުރޭއިރު، މީގެ ކުރިންވެސް މަރަޑޯނާގެ ސިއްހީ ހާލަތު ގޯސްވެގެން އެކި ކަންކަމަށް ވަނީ ފަރުވާ ހޯދާފައެވެ.
އާޖެންޓީނާގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމަށްވާ ޖިމްނާސިއާއަށް އިރުޝާދު ދެމުން އަންނަ މަރަޑޯނާ، އެ ޓިމާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަރަޑޯނާ ޖިމްނާސިއާގެ ކޯޗުކަމާ ހަވާލުވިއިރު، އޭގެ ކުރިން މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ ކޯޗުކަން ކޮށްދިނީ މެކްސިކޯގެ ޑޮރަޑޯސްއަށެވެ. އެކަމަކު މަރަޑޯނާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ ހުރިއިރު، ސިއްހީ ހާލަތު ގޯސްވުމުން އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފައެވެ.
އާޖެންޓީނާއަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ އަކީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ ލެޖެންޑެކެވެ. ކާމިޔާބު ފުޓްބޯޅަ ކެރިއަރެއް ނިންމާލާފައިވީ ނަމަވެސް، މަރަޑޯނާގެ ކޯޗިންގ އަދި އެންމެ ފުރިހަމައެއް ނޫނެވެ. އޭނާ ވަނީ އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޯޗުކޮށްދީފައެވެ.