ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށައިފިއެވެ.
ދަ ގްރާންޑޭ އަކީ އައު ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފެށި އެންމެ ފަހު ޓީމެވެ. ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ދީފައިވާއިރު، ދަ ގްރާންޑޭއިން ފަރިތަކުރުންތައް ފެށީ ބުދަ ދުވަހުގެރެއެވެ.
ދަ ގްރާންޑޭއިން ފަރިތަކުރުންތައް ފެށިއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އިސްމާޢީލް މަހަފޫޒް (އިންމަ) ވަނީ އިތުރު އެއް ސީޒަނުގައި އެ ޓީމުގައި މަޑުކުރަން ނިންމާފައެވެ. ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި އަލަށް ވާދަކުރަން ފެށި ދަ ގްރާންޑޭއާއެކު އިންމަ ރަނގަޅު މަސައްކަތްތަކެއް ކުރިއިރު، ސީޒަނާ އެޓީމުން ކުރިމަތިލީ ގަދަ ހަތަރެއްގެ ތެރޭގައި އޮވެ ލީގު ނިންމާލަން އަމާޒުހިފައިގެންނެވެ. ސީޒަނުގެ ކުރީކޮޅު ދަ ގްރާންޑޭއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މާލީ މައްސަލަތަކާ އެހެނިހެން ކަންތައްތަކުގެ ސަބަބުން އެ ޓީމަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެއާއެކުވެސް ދަ ގްރާންޑޭއިން މިދިޔަ ސީޒަން ނިންމާލީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަސްވަނައިގައި އޮވެގެންނެވެ.
އަދި އެފްއޭ ކަޕްގައި ދަ ގްރާންޑޭ ކުޅުނު މެޗުން ފޯކައިދޫ އަތުން މޮޅުވެފައިވަނިކޮށް އެ މުބާރާތް ކެންސަލް ކުރިއެވެ. މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމީ ކޮވިޑް-19 އާ ގުޅިގެން މާލޭގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ.
އައު ސީޒަނަށް ބުދަ ދުވަހުގެރޭ ދަ ގްރާންޑޭއިން ފަރިތަކުރުންތައް ފެށިއިރު، ފަރިތަކުރުންތަކުގެ ތެރެއިން ދިން އިންޓަވިއުއެއްގައި އެ ޓީމުގެ ކޯޗު އިންމަ ބުނީ މާލީ މައްސަލަތަކާ އެހެނިހެން ކަންތައްތަކުގެ ސަބަބުން މިިދިޔަ ސީޒަނަށް ކަނޑައެޅި ޓާގެޓް ހާސިލުނުވި ނަމަވެސް، އައު ސީޒަނާ އެޓީމުން ކުރިމަތިލާނީ މިިދިޔަ ސީޒަނަށްވުރެ ކުރިއަށް މި ސީޒަނުގައި ދިޔުމަށް އަމާޒުކޮށްގެން ކަމަށެވެ.
ދަ ގްރާންޑޭގައި މިހާރު އޮތް ސްކޮޑަށް އިޝާރާތްކޮށް އިންމަ ބުނީ މިދިޔަ ސީޒަނުގައިވެސް އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް އެ ޓީމުގައި އެބަތިބި ކަމަށާއި، އެހެންކަމުން އެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ. އަދި މި ސްކޮޑަށް ބިދޭސީ އިތުރު ތިން ކުޅުންތެރިއަކު ގުޅޭނެ ކަމަށާއި، އެއާއެކު ސްކޮޑު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް އިންމަ ބުންޏެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ފުރަތަމަ ޑިވިޝަނުގެ ހުރިހާ ޓީމަކުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، އެފްއޭ ޗެރިޓީ ޝީލްޑް މެޗުން އައު ސީޒަން ފެށުމަށް އެފްއޭއެމުން ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެއަށްފަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފަށާއިރު، ދަ ގްރާންޑޭ ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.