ކ. މާލެ
|
5 ނޮވެންބަރ 2020 | ބުރާސްފަތި 14:23
މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް (ކ)، އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (ވ)
މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް (ކ)، އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (ވ)
ރާއްޖެއެމްވީ
ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން
މަޖިލީހުގައި ކުޅިވަރުގެ ވާހަކައެއް ދެއްކޭނެ ވަރުގެ މެންބަރަކަށް ހުރީ އާޒިމް އެކަނި: މަރުޒޫގް
"އާޒިމް ކުޅިވަރޭ ކިޔައިގެން ވާހަކައެއް ދެއްކުމުން އެ ވާހަކަ އެއީ އަޑު އަހާލަން ޖެހޭ ވާހަކައެއް"
"މިހާރު އޮތް ޤާނޫނުގައި ބުނާ ގަވާއިދުތައް ހެދުމުން އެސޯސިއޭޝަންތަކާއި ކުޅުންތެރިންނަށްވެސް ރައްކާތެރިކަން ލިބިގެންދާނެ"

ޒަމާނެއްގައި ކުޅިވަރު ކުޅުނު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބި ނަމަވެސް، މެންބަރުންގެ ތެރޭގައި ކުޅިވަރުގެ ވާހަކަ ދެއްކޭ ވަރުގެ ހަމައެކަނި މެންބަރަކީ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ފުޓްބޯލް އެސޯސިއޭޝަން އިފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް އަލީ އާޒިމް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެއެވެ.

ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަރުޒޫގް ވިދާޅުވީ ޒަމާނެއްގައި ކުޅިވަރު ކުޅުނު ނަމަވެސް ކުޅިވަރު ނޭނގޭނެ ކަމަށާއި، އެހެން ނަމަވެސް ކުޅިވަރާ ބެހޭ ގޮތުން އަލީ އާޒިމް ދައްކާ ވާހަކަ އަކީ އަޑުއަހަން ޖެހޭ ވާހަކައެއް ކަމަށެވެ.

އަލީ އާޒިމް ކުޅިވަރާ ބެހޭ ގޮތުން ދައްކާ ވާހަކަ އަކީ ހިތްހަމަޖެހޭ ވާހަކައެއް ނުވަތަ އެއީ ހިތްހަމަނުޖެހޭ ވާހަކައަކަށް ވިޔަސް، އެ ވާހަކަތައް އަޑުއަހާނެ ކަމަށާއި، ކުޅިވަރާ ބެހޭ ގޮތުން އާޒިމް ދައްކަވާނީ އޭނާއަށް ފެންނަ ރަނގަޅު ވާހަކަތައް ކަމަށް މަރުޒޫގް ވިދާޅުވިއެވެ.

އާޒިމަކީ މުޅި ހަޔާތް ކުޅިވަރުގައި ހޭދަކުރި ބޭފުޅެއް ކަމަށާއި، ކުޅިވަރުން ދުވަހަކުވެސް ވަކިވެގެން ނުދާއިރު، ކުލަބު ހިންގަމުން އެސޯސިއޭޝަނެއް ހިންގަން ހުރިއިރު، މިހާރުވެސް ކުޅިވަރުގެ ތެރޭގެ ވާނުވާ ބަލަމުންދާ ކަމަށް މަރުޒޫގް ވިދާޅުވިއެވެ.

އެހެން ކަމުން އާޒިމް ކުޅިވަރޭ ކިޔައިގެން މަޖިލީހުގައި އަދި އެހެންތަނެއްގައިވެސް ވާހަކައެއް ދެއްކުމުން އެ ވާހަކަ އެއީ އަޑު އަހާލަން ޖެހޭ ވާހަކައެއް ކަމަށާއި، އާޒިމް ކުޅިވަރާ ބެހޭ ގޮތުން ދައްކާ ކޮންމެ ވާހަކަ އަކީ ގަބޫލުކުރަން ޖެހޭ އަދި ހިތްހަމަޖެހޭ ވާހަކައަކަށް ނުވިޔަސް، އެ ވާހަކަ ގަބޫލުކުރާ ކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ.

ޕާލިމެންޓް މެންބަރުންގެ ތެރެއިން ކުޅިވަރު ކުޅެފައި ހުރި ނަމަވެސް، އެތައް ޒަމާނެއް ވަންދަން މިކަމުގައި ނުވެސް އުޅެފައި ދެން ހަމަ އައިސް ކުޅިވަރުގެ ވާހަކަ ދައްކަނީ. މިސާލަކަށް އަލީ އާޒިމް ވާހަކައެއް ބުނެފިއްޔާ އަޅުގަނޑު އަޑުއަހާނަން. އެއީ އަޅުގަނޑު ހިތްހަމަޖެހޭ ވާހަކައަކަށް ވިޔަސް، ހިތްހަމަ ނުޖެހޭ ވާހަކައަކަށް ވިޔަސް، އަލީ އާޒިމް ކުޅިވަރުގެ ވާހަކައެއް ދައްކާނީ އަލީ އާޒިމަށް ފެންނަ ރަނގަޅު ވާހަކަތަކެއް. އެއީ ކުޅިވަރު ބޭފުޅެއް. އެއީ ކުޅިވަރުން އެއްގޮތަކަށްވެސް ޑިސްކަނެކްޓެއް ނުވޭ. ކުލަބު ހިންގަމުން އެސޯސިއޭޝަނެއްގައި ވެރިއަކަށް ހުރެގެން ކުރިޔަށްދިޔައީ. މިހާރުވެސް އޭގެ ފަހުންވެސް ކުޅިވަރު ތެރޭގައި ވާނުވާ ބަލަމުން ދަނީ. އެހެން ކަމުން އާޒިމް ކުޅިވަރޭ ކިޔައިގެން މަޖިލީހުގައި އަދި ކޮންމެ ތަނެއްގައިވެސް ދައްކާނީ އެއީ އަޑުއަހާލަންޖެހޭނެ ވާހަކައެއް. އަދި ކޮންމެ ވާހަކަ އަކީ އަޅުގަނޑު ގަބޫލުކުރާނެ ވާހަކައެއް ނުވެދާނެ އަދި ހިތްހަމަޖެހޭ ވާހަކައަކަށްވެސް ނުވެދާނެ. އެހެން ނަމަވެސް އާޒިމް ދައްކައިފިއްޔާ ގަބޫލު ކުރާނަން. ދެން އެހެން ގިނަ މަޖިލީސް މެންބަރުން ދައްކާ ވާހަކަ އުނދަގޫ އަޑުއަހާލަން.
އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް

މަރުޒޫގް އިތުރަށް ވިދާޅުވީ ސިޔާސީ ގިނަ ބޭފުޅުން އަދި ގިނަ މަޖިލިސް މެންބަރުން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ދިރިއުޅުމުގެ ކަންކަން ހަމަޖެހޭނެ ކަމަށާއި، އެ ހަމަޖެހޭ ވަގުތު މާޒީގައި އެމީހުން ކުޅިވަރުގައި އުޅުނު ކުޅިވަރުގެ ކަންކަން މަތިން ހަނދުމަވެގެންދާ ކަމަށެވެ.

ކޮންމެ ކަމަކީވެސް އަބަދުވެސް އިސްލާހުކޮށް ރަނގަޅު ކުރަންޖެހޭ ކަންކަން ކަމަށާއި، އެހެން ނަމަވެސް މިހާރު އޮތް ޤާނޫނުގައި ބުނާ ގަވާއިދުތައް ހެދުމުން އެސޯސިއޭޝަންތަކާއި ކުޅުންތެރިންނަށްވެސް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް މަރުޒޫގް ވިދާޅުވިއެވެ.

އެކަންކަން މިހާތަނަށް ނުވެ އޮތްއިރު، ސްޕޯޓްސް ކައުންސިލް މިހާތަނަށް ހިނގަމުން ދިޔައީ ޤާނޫނާ ޚިލާފަށް ކަމަށާއި، ބަޔަކު މީހުން ސިޔާސީ ކުޅިގަނޑަކަށް އެތަން ބޭނުންކުރުމުން މީގެކުރިން ދިޔައިރު ޤާނޫނުގައި ބުނާގޮތަށް ސްޕޯޓްސް ކައުންސިލަށް މެންބަރުން އައްޔަންކޮށް މަސައްކަތް ފެށިގެންދިޔައީ އަދިކިރިޔާ ކަމަށާއި، މިހާރު އޮތް ސްޕޯޓްސް ކައުންސިލަކީ ކުޅިވަރުގެ ކަންކަން އެނގޭ، މި ދާއިރާގެ މީހުންނާއެކު މަސައްކަތްކުރާ ތަނެއް ކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ.

އަދިކިރިޔާ ސްޕޯޓްސް ކައުންސިލުން މަސައްކަތްތަކެއް އެފެށީ. އައު މީހުން އިންތިޚާބުވެގެން. ވަރަށް ރަނގަޅު ކުޅިވަރު ދާއިރާގައި މަސައްކަތްކޮށް ކުޅިވަރު ދާއިރާ އެނގޭ މީހުން މިހާރު ތިބި. މިސާލަކަށް ނާހިދު، ސަވާދު، ރަޒީން، ތަމޫ ފާހަގަކޮށްލަން. މި ބޭފުޅުން ވަރަށް ބުރަ މަސައްކަތްތަކެއް އެބަކުރޭ މިހާރު. އެއްކަލަ ގާނޫނުގައި ހުރި ބައިވެރި ގަވައިދުތަކެއް ނުހެދިހުރި، ލެކްވެފައިހުރި ބައިވަރު މަސައްކަތްތައް ފައްޓައިގެން އަދި ކިރިޔާ ކުރިއަށްދާން ފެށީ. ގާތްގަނޑަކަށް އަހަރެއް ދޮޅު އަހަރެއްގެ ތެރޭގައި ވަރަށް ގިނަކަންކަން ފުރިހަމަ ވެގެންދާނެ.
އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް

ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުންދާއިރު، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ނެރުނު ބަޔާނުގައި ބުނީ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާ އާއި މަސައްކަތްތައް ކުޅިވަރާ ބެހޭ ވުޒާރާ އާއި، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، އެންމެހައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން ކުރަމުންދާ ދަނޑިވަޅެއްގައި ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހަކީ އިންޓަނޭޝަލް އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ޗާޓަރުގެ 27.5 އަދި 27.6 މާއްދާއާ ޚިލާފު އިސްލާހެއް ކަމަށެވެ.

އެގޮތުން މި އިސްލާހު ރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނައުން ވެގެންދާނީ އޮލިމްޕިކް ޗާޓަރުގެ 27.9 ވަނަ މާއްދާގައި ފާހަގަކޮށްފައިވާ ހާލަތު އުފެދޭން މެދުވެރިވާ ސަބަބަކަށް ކަމަށާއި، މިކަމުގެ ނަތީޖާއެއްގެ ގޮތުން އެ ޗާޓަރުގެ 59 ވަނަ މާއްދާއިން ކަނޑައަޅާފައިވާ، އޮލިމްޕިކް މޫވްމަންޓުން ދިވެހިރާއްޖެ ސަސްޕެންޑް ވެގެންދާނެކަން އެ މާއްދާތަކުން ސާފުކޮށް އެގެން އޮތުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

ހަސަން ލަތީފުގެ އިސްލާހުތަކަށް ކުޅިވަރު އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކުރިއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުވެސް ވަނީ ހަސަން ލަތީފް ހުށަހެޅުއްވި ބައެއް އިސްލާހުން ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް