އިންސާނީ ވަގުފާރީގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ވަގުފާރި ކުރާ މީހުންނަށް އެކަށީގެންވާ ގޮތުގައި އަދަބު ދިނުމަށް އަދިވެސް ހާސިލްކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޔޫޕީއާރްގެ ރާއްޖޭގެ ރިވިއު ސެޝަން ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ އިންސާނީ ވަގުފާރީގެ ޝިކާއަރަކަށްވާ ފަރާތްތަކަށް ހިމާޔަތްދީ ވަގުފާރި ކުރާ މީހުންނަށް އެކަށީގެންވާ އަދަބު ދިނުމުގައި ރާއްޖެ އިން އަދިވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަމަށެވެ.
އެގޮތުން އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަށް ހިމާޔަތްދިނުމުގެ ގޮތުން އަންހެނުން، ފިރިހެން އަދި ކުޑަކުދިންނަށް ވަކި ވަކި އެކޮމަޑޭޝަންތައް މިހާރު ސަރުކާރުން ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ކުރެވޭ ކަންތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އިންސާނީ ވަގުފާރި ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކުރުމަށް މަލްޓި ސެކްޓަރަލް، ނެޝަނަލް ސްޓިއަރިންގ ކޮމިޓީ އޮން ހިއުމަން ޓްރެފިކިންގެ މަސައްކަތްތައް ކާމިޔާބުކާމާއި އެކު އަލުން ފަށާފައިވާ ކަމަށާއި ސަރުކާރުން ކުރާ މަސައްކަތްތައް ކުރަނީ އެ ކޮމިޓީ އާއި ގުޅިގެން ކުރެވޭ މަޝްވަރާތުގެ މަތިން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި އިންސާނީ ވަގުފާރީގެ މަސައްކަތްތައް އަވަސްގޮތެއްގައި ހުއްޓުވުމަށް ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިންގ އެކްޝަން ޕްލޭން ފައިނަލައިސް ކޮށް، މި އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ތަންފީޒުކުރަން ފަށާފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކަށް ބަދަލު ގެންނަން ޖެހުނު ނަމަވެސް އެކްޝަން ޕްލޭންގައިވާ މުހިންމު ކަންކަން ކުރިއަށްދާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި މި އަހަރު ސާރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ އެއް މަސައްކަތަކީ ޓްރެފިކިންގ އިން ޕަރސަންސް އަށް ހާއްސަ އޮފީހެއް ގާއިމްކުރުމާއި ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ދާއިމީ ހިޔާއެއް ގާއިމް ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ޕްރިވެންޝަން އޮފް ހިއުމަން ޓްރެފިކިންގ އެކްޓް ރިވައިސް ކުރުމަށް ޑްރާފްޓް ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.