ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ތިންވަނަ ސައިކަލްގައި ބުދަ ދުވަހުގެރޭ ކުރިއަށްދިޔަ ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި، ޝަރުއީ ދާއިރާ ރިފޯމްއާއި ގުޅޭ އިންޓަރވެންޝަނެއް އެޓަރނީ ޖެނެރަލް ހުށަހަޅުއްވައިފިއެވެ.
އެގޮތުން، އެ އިންޓަރވެންޝަންގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ތަޞައްވުރުކުރަނީ ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާނެ މިނިވަން ޖުޑިޝަރީއެއްކަމުގައި ވީނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ނިޒާމުގެ ތެރެއަށް ކޮރަޕްޝަނާއި، ސިޔާސީ ނުފޫޒު ފޯރުވާފައިވާތީ، ޖުޑީޝަރީ މިނިވަންކަމާއެކު މަސައްކަތްކޮށްފައި ނުވާކަން އެޓަރނީ ޖެނެރަލް ފާހަގަކުރެއްވިއެވެ.
އަދި ޖުޑިޝަރީ ރިފޯމްކުރުމަކީ މި ސަރުކާރުގެ ވަޢުދެއްކަމާއި، 2019 ވަނަ އަހަރު ޖުޑީޝަލް ރިފޯމް ޕްރޮޕޯސަލް އެކުލަވައިލާފައިވާއިރު، ޖުޑީޝަލް ރިފޯމް ޕްލޭން ބިނާވެފައިވަނީ މައިގަނޑު 3 ދާއިރާއަށްކަމާއި، އެއީ ކޯޓުތަކުގެ އޮނިގަނޑާއި އިޙްތިޞާޞް ރިފޯމްކުރުމާއި، އިދާރީ ހިންގުން ހަރުދަނާކުރުމާއި، އަދި ފަނޑިޔާރުން ޒިންމާދާރުކުރުވައި އެ ފަރާތްތަކުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމުގެ މައްޗައްކަން އެޓަރނީ ޖެނެރަލް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޖުޑިޝަރީ ޖަވާބުދާރީ ކުރުވުމުގެ ޒިންމާއޮތީ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މައްޗަށް. ކޮމިޝަނަކީ މުސްތަޤިއްލު އަދި މިނިވަންކަމާއެކު މަސައްކަތްކުރަންޖެހޭ ކޮމިޝަނެއްކަމުގައި ވީނަމަވެސް، އެކި ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ކޮމިޝަން އެންމެ ފުރިހަމައަށް ކުރިން މަސައްކަތްކޮށްފައިނުވޭ. ނަމަވެސް، ކޮމިޝަންގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ. އެކަމުގެ ސަބަބުން ކޮމިޝަނަށް ޢާންމުންކުރާ އިތުބާރު އިތުރުވެފައިވާކަން ކޮމިޝަނަށް މިހާރު ހުށަހެޅެމުންދާ މައްސަލަތަކުގެ ޢަދަދަށް ބެލުމުން އެނގޭ،އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު
ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން 200 އަށްވުރެ ގިނަ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަމާއި، އޭގެތެރެއިން 76 ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅިފައިވާކަން އޭޖީ ފާހަގަކުރެއްވިއެވެ. އަދި އެ ބިލުތައް ހުށަހެޅުމުގެ ބޭނުމަކީ ޤާނޫނީ ނިޒާމް އިތުރަށް ހަރުދަނާކޮށް ދިވެހިރާއްޖެއިން އުފުލަންޖެހޭ ބައިނަލްއަޤްވާމީ އިލްތިޒާމްތަކާ އެއްގޮތަށް ޢަމަލުކުރުމަށް މަގުފަހިކުރުންކަން އެޓަރނީ ޖެނެރަލް ފާހަގަކުރެއްވިއެވެ.