ކ. މާލެ
|
4 ނޮވެންބަރ 2020 | ބުދަ 19:24
ބުދަ ދުވަހު ޓީސީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
ބުދަ ދުވަހު ޓީސީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
އެފްއޭއެމް
ޓީސީން ފަރިތަކުރުންތައް ފެށުން
ޒުވާން ސްކޮޑަކާއެކު ޓީސީން ފަރިތަކުރުންތައް ފަށައިފި
ޓީސީން ފަރިތަކުރުންތައް ފެށީ ބުދަ ދުވަހުގެ ހަވީރު
ޓީސީގެ ސްކޮޑަށް ވަނީ ބޮޑު ބަދަލެއް އައިސްފައި
ފުޓްބޯޅަ ސީޒަން ޑިސެމްބަރު އަށެއްގައި ފަށަން ވަނީ ނިންމާފައި

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ޓީސީ ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށައިފިއެވެ.

ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ދީފައިވާއިރު، ޓީސީން ފަރިތަކުރުންތައް ފެށީ ބުދަ ދުވަހުގެ ހަވީރުއެވެ.

އާ ސީޒަނާ ކުރިމަތިލާއިރު ޓީސީގެ ސްކޮޑަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ޓީސީއަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ގެ އެއްބަސްވުން ހަމަވެފައިވާއިރު، އެ ޓީމުގެ ކެޕްޓަން އަޙްމަދު ފައްރާހު (ފައްރަ) ވަނީ ފަސް އަހަރު ފަހުން އެ ޓީމު ދޫކޮށް ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ބަދަލުވެފައެވެ. އަދި މިދިޔަ ސީޒަނުގައި އެ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) ވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ބަދަލުވެފައެވެ.

އައު ސީޒަނަށް ޓީސީން އަދި މިހާތަނަށް ތަޖުރިބާކާރު ކުޅުންތެރިއެއްގެ ސޮއި ހޯދާފައި ނުވި ނަމަވެސް، އެ ޓީމުން ވަނީ އައު ސީޒަނަށް އަޒަރުބައިޖާނުގެ ގޯލްކީޕަރެއް ގެނެސްފައެވެ. ޓީސީން ބިދޭސީ ގޯލްކީޕަރެއް ގެނައިރު، މިދިޔަ ސީޒަނުގައި އެ ޓީމުގެ ގޯލު ބެލެހެއްޓި ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ކުލަބު ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފައެވެ.

ބުދަ ދުވަހު ޓީސީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ މުޙައްމަދު ޝާޒްލީ (ޝާޒް)

ފަރިތަކުރުންތައް ފެށުމަށްފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ މިހާރު އޮތް ސްކޮޑާ ދޭތެރޭ އުންމީދު އެބައޮތް ކަމަށާއި، ޓީސީއަށް ކުރިންވެސް ކުޅުނު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންތަކަކާއެކު ނުކުންނައިރު، މިއީ ހިތްހަމަޖެހޭ ރަނގަޅު ސްކޮޑެއް ކަމަށެވެ. އަދި މިހާރު އޮތް ސްކޮޑަށް ބަދަލުތަކެއް އައުންވެސް އެއީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުންޏެވެ.

ޝާޒްލީ އިތުރަށް ބުނީ ޓީސީ އަކީ ދިވެހި ފުޓްބޯޅައިގައި މިހާރު އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި، އެހެންކަމުން އައު ސީޒަނާ ކުރިމަތިލާއިރު ޓީސީގެ އަމާޒަކީ ތައްޓެއް ނެގުން ކަމަށެވެ. އަދި މިހާރު އޮތް ސްކޮޑާއެކު ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބުންޏެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ޓީސީން ފަރިތަކުރުންތައް ފެށިއިރު، މިހާތަނަށް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހަތް ޓީމަކުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. މިހާތަނަށް ފަރިތަކުރުންތައް ނުފަށައި އޮތް ހަމައެކަނި ޓީމަކީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.

އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފަށާއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. ލީގުގައި ޓީސީން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް