ކ. މާލެ
|
4 ނޮވެންބަރ 2020 | ބުދަ 16:54
ނޯންޓްސް އަތުން މޮޅުވި މެޗުގައި ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭއަށް އަނިޔާވެފައިވަނިކޮށް
ނޯންޓްސް އަތުން މޮޅުވި މެޗުގައި ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭއަށް އަނިޔާވެފައިވަނިކޮށް
ގެޓީ އިމޭޖަސް
އެމްބާޕޭއަށް އަނިޔާވުން
އަނިޔާގެ ސަބަބުން ލެއިޕްޒީގް މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެ
އެމްބާޕޭއަށް އަނިޔާވީ ނޯންޓްސް އަތުން ޕީއެސްޖީ މޮޅުވި މެޗުގައި
އެމްބާޕޭއަށް ލިބުނު އަނިޔާ ސީރިއަސްއެއް ނޫން

ޔުއެފާ ޗެމްޕިއަންސް ލީގުގައި އާރްބީ ލެއިޕްޒީގާ ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

އެމްބާޕޭއަށް އަނިޔާވީ ފްރެންޗް ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ނޯންޓްސް އަތުން 3-0 ން ޕީއެސްޖީ މޮޅުވި މެޗުގައެވެ. އެ މެޗުގައި އެމްބާޕޭ މޮޅު ކުޅުމެއް ދައްކައި ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އެ ލަނޑު ޖެހިތާ 11 މިނެޓު ފަހުން އެމްބާޕޭގެ ފަލަމަސްގަނޑަށް އަނިޔާވުމުން ވަނީ ބަދަލުކޮށްފައެވެ.

އެހެންކަމުން ބުދަ ދުވަހުގެރޭ ލެއިޕްޒީގާ ދެކޮޅަށް ކުޅޭ މެޗުަށް ޖަރުމަނަށް ދަތުރުކުރި ސްކޮޑުގައި އެމްބާޕޭ ހިމަނާފައެއް ނުވެއެވެ. މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެމްބާޕޭއަށް އަނިޔާވެފައިވީ ނަމަވެސް، އޭނާގެ އަނިޔާ ސީރިއަސް ނޫން ކަމަށެވެ. އެކަމަކު މި ހާލަތުގައި އޭނާ ލައްވާ ނުކުޅުވުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި، އެހެންކަމުން އިތުރު ރިސްކެއް ނަގަން ބޭނުންނުވާ ކަމަށްވެސް ބުންޏެވެ.

އެމްބާޕޭއަށް އަނިޔާވެ ކުޅުމާ ދުރުގައި ހުރިއިރު، އެ ޓީމުގެ ބްރެޒިލުގެ ތަރި ނޭމާ އާއި އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީވެސް ހުރީ ކުޅުމާ ދުރުގައެވެ.

ޓުޗެލް ބުނީ އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ނަމަވެސް، ލެއިޕްޒީގް މެޗުގައި އެ ޓީމުގެ މުހިންމު 11 ކުޅުންތެރިއަކު ކުޅޭނެ ކަމަށާއި، ލެއިޕްޒީގް މެޗުން މޮޅުވާނީ ހުރިހާ ކުޅުންތެރިންގެ އެކުގައި ކުރާ ބުރަ މަސައްކަތުން ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗުގައި ޕީއެސްޖީ ހިމެނޭއިރު، އެ ގްރޫޕުގެ އެއްވަނައިގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ދެވަނައިގައި އޮތް ޕީއެސްޖީ އާއި ތިންވަނައިގައި އޮތް ލެއިޕްޒީގަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި އޮތް ބަޝަކްޝެހީރަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ރަށުން ބޭރުގައި ލެއިޕްޒީގާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ދަންވަރު ރާއްޖެ ގަޑިން 01:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް