ކ. މާލެ
|
4 ނޮވެންބަރ 2020 | ބުދަ 15:14
ވޭލްސްގެ ކޯޗު ރަޔާން ގިގްސް
ވޭލްސްގެ ކޯޗު ރަޔާން ގިގްސް
ގެޓީ އިމޭޖަސް
ވޭލްސްއިން ގިގްސް އެކަހެރިކުރުން
ތުހުމަތުތަކާ ގުޅިގެން ވޭލްސްގެ ކޯޗުގެ މަގާމުން ގިގްސް އެކަހެރިކޮށްފި
ލޯބިވެރިޔާއަށް ހަމަލާ ދިނުމުގެ ތުހުމަތުގައި އާދީއްތަ ދުވަހުގެރޭ ގިގްސް ހައްޔަރުކުރި
އެކަމަކު ފަހުން ކަފާލާތުގެ ދަށުން ފުލުހުން ވަނީ ގިގްސް ދޫކޮށްލާފައި
މި މައްސަލަ ގިގްސްގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާއަށް ވޭލްސްގެ ކޯޗުކަން ގެއްލޭނެ

ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ސުވާލުކުރަމުންދާތީ ވޭލްސްގެ ކޯޗުގެ މަގާމުން ރަޔާން ގިގްސް އެކަހެރިކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް (އެފްއޭޑަބްލިއު) އިން ނިންމައިފިއެވެ.

ފުލުހުން އުމުރުން 46 އަހަރުގެ ގިގްސް ހައްޔަރުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާއަށް ހަމަލާ ދިނުމުގެ ތުހުމަތުގައި އާދީއްތަ ދުވަހުގެރެއެވެ. އެކަމަކު ފަހުން ކަފާލާތުގެ ދަށުން ފުލުހުން ވަނީ ގިގްސް ދޫކޮށްލާފައެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، ފުލުހުން ވަނީ ގިގްސްއަށް އެންގި ކޮންމެ ގަޑިއެއްގައިވެސް ޖަވާބުދާރީވާން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގިގްސް އޭނާގެ ލޯބިވެރިޔާ ކޭޓް ގްރެވިލަށް އަނިޔާ ކުރަމުންދާތީ މެންޗެސްޓާގެ ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރީ ކޭޓް އަމިއްލައަށެވެ.

މި ތުހުމަތުތަކާ ގުޅިގެން އެފްއޭޑަބްލިއުއިން ވަނީ ވޭލްސްގެ ކޯޗުގެ މަސައްކަތްތަކުން ގިގްސް ވަގުތީ ގޮތުން އެކަހެރި ކޮށްފައިވާކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މި މަހު ވޭލްސްއިން ކުޅެން ހަމަޖެހިފައި އޮތް ތިން މެޗުގައިވެސް ގިގްސް ޓީމަށް އިރުޝާދު ނުދޭނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ޓީމާ ވަގުތީ ގޮތުން ހަވާލުވާނީ އެސިސްޓަންޓް ކޯޗު ރޮބާޓް ޕޭޖް ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މި މަހު ވޭލްސްއިން ތިން މެޗެއް ކުޅޭއިރު، މި މަހު 12 ވަނަ ދުވަހު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އެމެރިކާއާ ދެކޮޅަށް ވޭލްސް ނުކުންނާނެއެވެ. އަދި އޭގެ ފަހުން ޔުއެފާ ނޭޝަންސް ލީގުގައި އަޔަލެންޑާއި ފިންލެންޑާ ދެކޮޅަށްވެސް ވޭލްސް ނުކުންނާނެއެވެ.

ގިގްސް އޭނާގެ ލޯބިވެރިޔާއަށް ހަމަލާ ދިނުމުގެ މައްސަލައެއް ބަލަމުން އަންނައިރު، މި މައްސަލަ ގިގްސްގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާއަށް ވޭލްސްގެ ކޯޗުކަން ގެއްލޭނެއެވެ. އެކަމަކު އެއީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެ ގިގްސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ވޭލްސްގެ ކޯޗުކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ގިގްސް ހަމަޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ. ޔުނައިޓެޑަށް 700 އަށް ވުރެން ގިނަ މެޗު ކުޅެދީފައިވާ ގިގްސް މީގެ ކުރިން އެ ޓީމަށްވެސް އިރުޝާދު ދީފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ވޭލްސްއިން މިހާތަނަށް ވަނީ 24 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 12 މެޗުން ވޭލްސް މޮޅުވެފައިވާއިރު، އަށް މެޗުން ވަނީ ބަލިވެފައެވެ. އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް