ކ. މާލެ
|
4 ނޮވެންބަރ 2020 | ބުދަ 11:08
މިދިޔަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން އައިމިނަތު ޖައިޝާ ޖުނީޒް
މިދިޔަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން އައިމިނަތު ޖައިޝާ ޖުނީޒް
އެމްއޯސީ
ޖައިޝާ ގައުމީ ރިކޯޑު އާކުރުން
1500 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ޖައިޝާ އާކޮށްފި
ޖައިޝާ ރިކޯޑު އާކޮށްފައިވަނީ 5:06.1 މިނެޓުން ދުވެގެން
މިއީ 8.28 ސިކުންތުގެ ކުރިއެރުމެއް

ރާއްޖޭގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އައިމިނަތު ޖައިޝާ ޖުނީޒް އާކޮށްފިއެވެ.

އަމިއްލަަ ރިކޯޑު ޖައިޝާ އާކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ގައުމީ ސްކޮޑުގެ ޓައިމް ޓްރަޔަލްގައި ވާދަކޮށްގެންނެވެ. ހުޅުމާލޭ ސިންތަޓިކް ޓްރެކުގައި ދުވެ ޖައިޝާ ރިކޯޑު އާކޮށްފައިވަނީ 5:06.1 މިނެޓުންނެވެ. މި ރިކޯޑު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވެރިފައިކޮށްފައިވަނީ އަންގާރަ ދުވަހުގެރެއެވެ.

މީގެ ކުރިން ޖައިޝާ މި ރިކޯޑު ހަދާފައިވަނީ 2018 އަހަރު އޮތް އޭޝިއަން ގޭމްސްގައެވެ. އެ ގޭމްސްގެ އަންހެނުންގެ 1500 މީޓަރު ދުވުން އެ ފަހަރު ޖައިޝާ ނިންމާފައިވަނީ 5:14.38 މިނެޓުންނެވެ. އެހެންކަމުން ޖައިޝާ ގައުމީ ރިކޯޑު އާކޮށްފައިވަނީ 8.28 ސިކުންތުގެ ކުރިއެރުމަކާއެކުއެވެ.

ޖައިޝާގެ ކުރިން މި ރިކޯޑު އޮތީ 2010 ވަނަ އަހަރުގެ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުގައި 5:16 މިނެޓުން ދުވި މަރިޔަމް އިނާޔާ ފާރޫގުގެ އަތުގައެވެ.

އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ޖައިޝާ އާކުރިއިރު، އޭނާ އަންނަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން 2016 ވަނަ އަހަރު އޮތް އިންޑިއަން ގްރޯން ޕްރީގައި ހަތަރެއް ގުނަ 100 މީޓަރު ރިލޭއިން ލޯ މެޑަލް ހޯދި ޓީމުގައި ޖައިޝާ ހިމެނުނެވެ. އަދި 2018 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި ޖައިޝާ ވާދަކުރިއުރު، އެ މުބާރާތުގައި އޭނާ ވަނީ 800 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން އަމިއްލަ ރިކޯޑު ގާއިމުކޮށްފައެވެ.

މީގެ އިތުރުން ޖައިޝާ ވަނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ފާހަގަކޮށްލެވޭ އެތުލީޓުންނަށް ދައުވަތުދީގެން ކުރިއަށްގެންދިޔަ ދެވަނަ ގައުމީ ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި 800 މީޓަރާއި 1500 މީޓަރުގެ އަންހެން ބައިން ރަން މެޑަލްވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް