ކ. މާލެ
|
4 ނޮވެންބަރ 2020 | ބުދަ 10:42
އެޓަލާންޓާ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 5-0 ން
އެޓަލާންޓާ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 5-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ލިވަޕޫލާއި ސިޓީންވެސް މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފި
އެޓަލަންޓާ އަތުން ލިވަޕޫލް މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން
ސިޓީ މޮޅުވީ އޮލިމްޕިއާކޯސް އަތުން 3-0 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގަރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ލިވަޕޫލާއި މެންޗެސްޓާ ސިޓީންވެސް މި ފަހަރުގެ މުބާރާތުގައި މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފިއެވެ.

ގްރޫޕް ޑީގައި ހިމެނޭ ލިވަޕޫލް މޮޅުވީ ރަށުން ބޭރުގައި އެޓަލަންޓާ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ވިދާލީ މި ފަަހަރުގެ ޓްރާންސްފާ ބާޒާރިގައި ލިވަޕޫލާ ގުޅުނު ޕޯޗުގަލުގެ ފޯވާޑް ޑިއޯގޯ ޔޮޓާއެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ޔޮޓާ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 33 ވަނަ މިނެޓުގައި ޔޮޓާ ވަނީ ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ ފުރަތަމަ ނުވަ މިނެޓުގައި ލިވަޕޫލުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން ދެވަނަ ހާފ ފަށައިގެން ދެވަނަ މިނެޓުގައި މުޙައްމަދު ސަލާހު ލިވަޕޫލުގެ ތިންވަނަ ލަނޑި ޖެހިއިރު، އޭގެ ދެ މިނެޓު ފަހުން ސަޑިއޯ މާނޭ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި މެޗުގެ 54 ވަނަ މިނެޓުގައި ޔޮޓާ ވަނީ އިތުރު ލަނޑެއް ޖަހާ ހެޓްރިކް ހަދާފައެވެ. މިއީ އުމުރުން 23 އަހަރުގެ ޔޮޓާ ޗެމްޕިއަންސް ލީގު މެޗެއްގައި ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ.

މި މޮޅާއެކު މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ ލިވަޕޫލް އޮތީ ގްރޫޕުގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އަޔަކްސް އާއި ތިންވަނައިގައި އޮތް އެޓަލާންޓާއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަޔަކްސް ވަނީ އަންގާރަ ދުވަހުގެރޭ މިޗީލޭންޑް އަތުން 2-1 ން މޮޅުވެފައެވެ. މި މެޗުން ބަލިވި މިޗީލޭންޑް އޮތީ ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.

ސިޓީ އާއި އޮލިމްޕިއާކޯސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 3-0 ން

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ގްރޫޕް ސީގައި ހިމެނޭ މެންޗެސްޓާ ސިޓީ މޮޅުވީ އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފަށައިގެން ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސްއެވެ. މި މެޗުގައި ސިޓީން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އައި ގަބްރިއެލް ޖީސޫސެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި ޔާއޯ ކަންސޭލޯ ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ގްރޫޕް ސްޓޭޖުގައި ސިޓީން މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި ތިން މެޗުން ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޕޯޓޯ ވަނީ އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި މާސޭ އަތުން 3-0 ން މޮޅުވެފައެވެ. މި މޮޅާއެކު ޕޯޓޯއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ތިންވަނައިގައި އޮތް އޮލިމްޕިއާކޯސް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި މާސޭ ފުލުގަައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް