ކ. މާލެ
|
3 ނޮވެންބަރ 2020 | އަންގާރަ 17:39
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ
ގެޓީ އިމޭޖަސް
އަގުއޭރޯއަށް އަނިޔާވުން
ބައިނަލްއަގުވާމީ ބްރޭކަށްފަހު އަގުއޭރޯއަށް ކުޅެވޭނެ: ގާޑިއޯލާ
އަގުއޭރޯގެ ފަލަމަސްގަނޑަށް އަނިޔާވީ ވެސްޓް ހޭމާ ސިޓީ އެއްވަރުވި މެޗުގައި
ގަބްރިއެލް ޖީސޫސް ވަނީ އަނިޔާއިން ރަނގަޅުވެ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ކުރިއަށް އޮތް ބައިނަލްއަގުވާމީ ބްރޭކަށްފަހު އަނިޔާއިން ރަނގަޅުވެ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ކުޅެވޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ހަތަރު މަސް ދުވަހަށް ފަހުން އަގުއޭރޯ ކުޅުމުގެ ތެރެއަށް އެނބުރި އައީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 ން ސިޓީ އެއްވަރުވި މެޗުގައި އަގުއޭރޯގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އެ އަނިޔާއާ ގުޅިގެން އެ މެޗުގެ ދެވަނަ ހާފު ސިޓީން ފަށާފައިވަނީ އަގުއޭރޯ ބަދަލުކުރުމަށްފަހުއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ މި މަހު ކުޅެން ތާވަލުކޮށްފައި ހުރި ބައިނަލްއަގުވާމީ މެޗުތަކަށްފަހު ސިޓީން ކުޅޭ މެޗުތަކުގައި އަގުއޭރޯއަށް ކުޅެވޭނެ ކަމަށެވެ. އަދި އޭނާއަށް މިފަހަރު ލިބުނު އަނިޔާއިން ރަނގަޅުވަމުން އަންނަ ކަމަށާއި، އެކަމަކު އޭނާގެ ރިކަވަރީ ކަންތައްތަކުގައި އަވަސް އަރުވާލައިގެން ކަންކަން ނުކުރާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

އަގުއޭރޯގެ ފަލަމަސްގަނޑަށް މި ފަހަރު އަނިޔާވިއިރު، މީގެ ކުރިން އަގުއޭރޯގެ ކަކުލަށް އަނިޔާވީ މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އެ ފަަހަރު އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ހޯދަން އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާއަށް ގޮސް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ސިޓީން އޮލިމްޕިއާކޯސްއާ ދެކޮޅަށް ނުކުންނައިރު، ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ފޯވާޑް ގަބްރިއެލް ޖީސޫސް ވަނީ އަނިޔާއިން ރަނގަޅުވެ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސިޓީން މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި ދެ މެޗުން ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޕޯޓޯ އާއި ތިންވަނައިގައި އޮތް އޮލިމްޕިއާކޯސްއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މާސޭއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގައި ސިޓީ އާއި އޮލިމްޕިއާކޯސް ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ދަންވަރު ރާއްޖެ ގަޑިން 01:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް