ކ. މާލެ
|
3 ނޮވެންބަރ 2020 | އަންގާރަ 15:32
އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ
އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ
ގެޓީ އިމޭޖަސް
ލުކާކޫއަށް އަނިޔާވުން
ރެއާލާ ދެކޮޅަށް އިންޓަ ކުޅޭ މެޗުގައި ލުކާކޫއަށް ނުކުޅެވޭނެ
ލުކާކޫގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައި
އިންޓަ އާއި ޕާމާ އެއްވަރުވި މެޗުގައިވެސް ލުކާކޫ ކުޅެފައެއް ނުވޭ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އިންޓަ މިލާނުގެ ފޯވާޑް ރޮމެލޫ ލުކާކޫއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ލުކާކޫގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާއިރު، އިންޓައިން ވަނީ އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗުގައި ލުކާކޫއަށް ނުކުޅެވޭނެކަން ހާމަކޮށްފައެވެ.

ލުކާކޫއަށް އަނިޔާވެފައިވާއިރު، އިޓާލިއަން ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ އިންޓަ އާއި ޕާމާ 2-2 އިން އެއްވަރުވި މެޗުގައިވެސް ލުކާކޫ ކުޅެފައެއް ނުވެއެވެ. އެ މެޗުގައި އިންޓަގެ ކުރިއަށް ކުޅެފައިވަނީ ލަޓާރޯ މާޓީނޭޒްއާއެކު އިވާން ޕެރިސިޗެވެ. އެ މެޗުން އިންޓަ ބަލިނުވެ ސަލާމަތްވީ ފަހު ވަގުތު ޕެރިސިޗް ޖެހި ލަނޑުންނެވެ.

މިދިޔަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އެންޓޯނިއޯ ކޮންޓޭގެ އިންޓަ މިލާނާ ގުޅުމަށްފަހު ލުކާކޫ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ އިންޓައަށް މިހާތަނަށް ކުޅެދިން 57 މެޗުގައި 41 ލަނޑު ޖަހާފައެވެ. އަދި މި ސީޒަނުގައި ލުކާކޫ ވަނީ މިހާތަނަށް ކުޅުނު ހަ މެޗުގައި ހަތް ލަނޑު ޖަހާފައެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލާއި އިންޓަ ކުރިމަތިލާއިރު، މި ދެ ޓީމަށްވެސް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އަދި މޮޅެއް ނުލިބެއެވެ. އެގޮތުން އިންޓަ ކުޅުނު ދެ މެޗުވެސް އެއްވަރުވިއިރު، ރެއާލް ފުރަތަމަ މެޗުން ވަނީ އަމިއްލަ ދަނޑުގައި ޝަޚްތަރު ޑޮނެސްކް އަތުން 3-2 ން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކާ އެއްވަރުކުރީ ފަހު ވަގުތު 2-2 ންނެވެ.

އިންޓައާ ދެކޮޅަށް ނުކުންނައިރު ރެއާލަށް އޮތް ހިތްހަމަޖެހުމަކީ އެ ޓީމުގެ އެޑެން ހަޒާޑް ފިޓްކޮށް ހުރުމެވެ. މި އަހަރުގެ ޖުލައި މަހަށްފަހު މިދިޔަ ހޮނިހިރު ދުވަހު ހަޒާޑް ރެއާލަށް މެޗެއް ކުޅެދިންއިރު، އަމިއްލަ ދަނޑުގައި ހުއެސްކާ އަތުން 4-1 ން ރެއާލް މޮޅުވި މެޗުގައި ހަޒާޑް ވަނީ ލަނޑުވެސް ޖަހާފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަދުވަހުގެ ފަހުން ހަޒާޑް ރެއާލަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލާއި އިންޓަ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ދަންވަރު ރާއްޖެ ގަޑިން 01:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް