އޮންލައިންކޮށް ޖުވާ ކުޅުމާއި ޓްރޭޑް ކުރުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، އެފަދަ ކަންކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބޭނުން ނުކުރެވޭ ގޮތް އެ ބޭންކުން ހަދައިފިއެވެ.
ބީއެމްއެލްއިން ހޯމަ ދުވަހުގެރޭ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޤާނޫނާއި ގަވައިދުތަކާ ހިލާފު މާލީ މުއާމަލާތްތަކުގައި އެ ބޭންކުން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތަކަށް މީހުން ވަދެ މުއާމަލާތް ކޮށްފައިވާ މިންވަރު ފާއިތުވި މަސްތަކުގައި ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި އެހެންކަމުން އޮންލައިން ޓްރޭޑިން ސައިޓްތައް ވެސް ބްލޮކް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓް ފޯމްތައް މެދުވެރިކޮށް ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިފަދަ ދަތި، އުނދަގޫ ހާލަތެއްގައި ދިވެހި ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުންތެރި ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ކާޑުން ކުރަމުންދާ ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓާ ކުރަމުންދާނެ ކަމަށާއި އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި އެފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށެވެ.
ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ނިންމުމާ ބެހޭ މައުލޫމާތު އެމްއެމްއޭއާއި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާއި ހިއްސާ ކޮށްފައެވެ.