ޔޫޓިއުބްގައި އެންމެ ގިނަ ވިޔުސް ލިބުނު ވީޑިއޯއަކަށް ކުޑަކުދިންގެ މެދުގައި މަގުބޫލު ބޭބީ ޝާކް ލަވަ ވެއްޖެއެވެ.
7.04 ބިލިއަން ވިއުސްއާއެކު ބޭބީ ޝާކް ލަވަ ވަނީ، 2017 ވަނަ އަހަރު ޕުއޭޓަ ރިކޯގެ ޕޮޕް ލަވަކިޔުންތެރިޔާ ލުއިޒް ފޮންޒީ ކިޔާފައިވާ ''ދެސްޕަސީތޯ'' ގެ ރެކޯޑް މުގުރާލާފައެވެ.
ސައުތުކޮރެޔާގެ ޕިންކްފޮންގްއިން ހަދާފައިވާ މި ލަވަޔަށް ޔޫޓިއުބްގެ އެންމެ ގިނަ ވިއުސްގެ ''ތާޖު'' ހޯދިފައި ވަނީ ލަވަ އަޕްލޯޑް ކުރިތާ ހަތަރު އަހަރު ފަހުންނެވެ.
ކުޑަކުދިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި މި ލަވައިގެ ވަރޝަން ރެކޯޑްކުރީ ކޮރެއާ ދަރިފަސްކޮޅުގެ އެމެރިކާގެ ހޯޕް ސިގޮއިންއެވެ. އަދި ފުރަތަމަ ކޮޅު މި ލަވަ އިރުމަތީ އޭޝިއާގައި އެކަނި މަގުބޫލުވެގެން ދިޔަ ނަމަވެސް، ފަހުން އެމެރިކާ އަދި ޔޫރަޕުގެ ޗާޓުތަކުން ވެސް މި ލަވަ ވަނީ ޖާގަ ހޯދާފައެވެ.
މި ލަވައިގެ އަސްލު ވެރިފަރާތާއި މެދު ސުވާލުތަކެއް އުފެދިފައިވާއިރު، ކުޑަކުދިންގެ ލަވަތައް ލިޔާ ޖޮނަތަން ރައިޓް ކިޔާ މީހާކު ވަނީ 2019 ވަނަ އަހަރު ޕިންކްފޮންގްއާ ދެކޮޅަށް ދައުވާއެއް ކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ.