ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 18:23
މާޒިޔާއަށް ސޮއިކުރި ސާބިއާގެ ގޯލްކީޕަރު ނިކޯލާ ވުޔަނަޗް
މާޒިޔާއަށް ސޮއިކުރި ސާބިއާގެ ގޯލްކީޕަރު ނިކޯލާ ވުޔަނަޗް
އޭއެފްޕީ
ވުޔަނަޗް މާޒިޔާއަށް ބަދަލުވުން
ޔޫރަޕުގައި ކުޅެފައިވާ ގޯލްކީޕަރެއް މާޒިޔާއަށް
މާޒިޔާއިން އައު ގޯލްކީޕަރެއް ގެނައީ އޮވޭސް އަޒީޒީގެ އެއްބަސްވުން އައު ނުކުރަން ނިންމުމަށްފަހު
ސާބިއާގެ ޑިފެންޑަރު ޕީޓަ ޕްލަނިޗުގެ އެއްބަސްވުންވެސް ވަނީ އާކޮށްފައި

ޔޫރަޕުގެ ތިން ގައުމެއްގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ސާބިއާގެ ގޯލްކީޕަރު ނިކޯލާ ވުޔަނަޗް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

ހޯމަ ދުވަހުގެ ވަހުތެއްގައި މާޒިޔާއިން ވަނީ ވުޔަނަޗް އެ ކުލަބުގެ އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށްފައެވެ. މާޒިޔާއިން ބިދޭސީ އައު ގޯލްކީޕަރެއް ގެންނަން ނިންމީ މިިދިޔަ ސީޒަނުގައި އެ ޓީމުގެ ގޯލު ބެލެހެއްޓި އަފްޣާނިސްތާނުގެ ގޯލްކީޕަރު އޮވޭސް އަޒީޒީގެ އެއްބަސްވުން އައު ނުކުރަން ނިންމުމަށްފަހުއެވެ.

ކުރިއަށް އޮތް ސީޒަނަށް ވުޔަނަޗް ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ގުޅުނުއިރު، އޭނާ މީގެ ކުރިން ވަނީ މެސެޑޯނިއާ، ސާބިއާ އަދި ބޮސްނިއާގެ ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން ވުޔަނަޗް އެންމެ ފަހުން ކުޅެފައިވަނީ ބޮސްނިއާ ދެވަނަ ޑިވިޝަނުގެ ކުލަބު އެވެޒްޑާއަށެވެ.

އޭގެ ކުރިން ސާބިއާގެ ފުރަތަމަ ޑިވިޝަނުގެ ރެޑްނިކާއި، މެސެޑޯނިއާގެ ފުރަތަމަ ޑިވިޝަންގެ ތިން ކުލަބެއް ކަމަށްވާ ބެލަސީކާ އާއި، އަކަޑް ޕަންޑޭވް އަދި ސިލެކްސްއަށްވެސް ވަނީ ކުޅެފައެވެ.

މާޒިޔާއަށް ސޮއިކުރި ސާބިއާގެ ގޯލްކީޕަރު ނިކޯލާ ވުޔަނަޗް

މާޒިޔާއިން ވުޔަނަޗްގެ ސޮއި ހޯދިއިރު، ހޯމަ ދުވަހު އެ ކުލަބުން ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕްލަނިޗުގެ އެއްބަސްވުންވެސް އާކޮށްފައެވެ. ދެން އެ ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިއަކީ ސެއިން ވިންސެންޓުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.

އައު ސީޒަނަށް ތައްޔާރުވުމަށް މިދިޔަ އޮކްޓޯބަރު މަހު މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވާއިރު، އައު ސީޒަނާ މާޒިޔާއިން ކުރިމަތިލާނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އާ އެކުގައެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި ކުލަބު އީގަލްސް ބައްދަލުކުރާއިރު، އެ މެޗު ކުޅޭނީ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އަދި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް