ސްރީލަންކާގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) 1.7 އިންސައްތަ ދަށަށް ދާނެ ކަމަށް އެ ގައުމުގެ ސެންޓްރަލް ބޭންކުން ބުނެފިއެވެ.
ކޮވިޑް-19 ގެ ސަބަބުން ލަންކާގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް އަންނަ އަހަރު އިގްތިސާދަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށް، ސެންޓްރަލް ބޭންކުން ނެރުނު އިކޮނޮމިކް ޑިވެލޮޕްމަންޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
ހާއްސަކޮށް އަހަރުގެ ދެވަނަ ކުއާޓަރުގައި އިގްތިސާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ފާހަގަކޮށް ސެންޓްރަލް ބޭންކުން ވަނީ އަންނަ އަހަރު ލަންކާގެ ޖީޑީޕީ ފަސް އިންސައްތަ އިތުރުވާނެ ކަމަށް ބުނެފައެވެ.
އަންނަ އަހަރު ލަންކާގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް އަންދާޒާ ކުރެވެނީ، ކޮވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާއިއެކު އިގްތިސާދަށް އޭގެ ހެޔޮ އަސަރު ކުރަން މާ ގިނަ ދުވަސްތަކެއް ނަގާފައި ނުވާތީ ކަމަށް ބޭންކުން ފާހަގަކުރެއެވެ.
އެ ބޭންކުން އަންދާޒާ ކުރާ ގޮތުގައި އެ ގައުމުގެ ޓްރޭޑް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 9.5 އިންސައްތަ އިން 6.6 އިންސައްތަ ދަށަށް ދާނެއެވެ. އަދި ގައުމުގެ ޖުމްލަ އިންވެސްޓްމެންޓް 2020 ވަނަ އަހަރުގެ 27.4 އިންސައްތައިން 26.9 އިންސައްތައަށް ދަށަށް ދާނެ ކަމަށާއި ނޭޝަނަލް ސޭވިންގްސް 25.3 އިންސައްތަ އިން 25.4 އިންސައްތައަށް އިތުރުވާނެ ކަމަށް ބޭންކުން ބުނެއެވެ.
މީގެ އިތުރުން ކަރެންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 2.2 އިންސައްތައިން 1.5 އިންސައްތައަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބަޖެޓް ޑެފިސިޓް 6.8 އިންސައްތައިން 9.3 އިންސައްތައަށް އިތުރުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ލަންކާގެ ސެންޓްރަލް ބޭންކުން ވަނީ އެ ގައުމުގެ އިންފްލޭޝަން ރޭޓް 4.7 އިންސައްތައަށް އަރާނެ ކަމަށް ލަފާކޮށްފައެވެ.