"ހިޔާ މަޝްރޫޢު" ގެ ދަށުން ފުލެޓަށް އެދި H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅޭ އިތުރު ފަރާތްތަކެއްގެ ނަންތައް އާންމުކޮށްފިއެވެ.
''ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށް ގެންދެއެވެ.
އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H7 ނުވަތަ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅޭ ފަރާތްތަކުގެ ލިސްޓުގެ ގޮތުގައި 2020 އޮކްޓޫބަރު 29 ވަނަ ދުވަހު ޢާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ކުރިއަށްގެންދާ ވެރިފައިކުރުމުގެ ޕްރޮސެސްގެ ތެރެއިން، އިތުރު ފަރާތްތަކަކާ ނުގުޅޭކަމަށް ފާހަގަކުރެވިފައިވާތީ، ނުގުޅޭ ފަރާތްތަކުގެ "ލިސްޓު 2" ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ގެޒެޓް ކޮށްފައެވެ.
މި ލިސްޓުގައި 93 މީހެއްގެ ނަން ހިމެނެއެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހުވެސް ފޯނުން ނުގުޅޭ ފަރާތްތަކުގެ ނަންތައް ވަނީ އާންމުކޮށްފައެވެ. އެ ފަހަރުވެސް 509 މީހެއްގެ ނަން އާންމުކޮށްފައިވެއެވެ.
އާދީއްތަ ދުވަހު ޢާންމުކުރެވުނު ލިސްޓު 2 ގައި ހިމެނޭ ފަރާތްތަކުންވެސް 2020 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 3:00 ގެ ކުރިން،https://hcc.presidency.gov.mvމި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ކޮމިޓީން ވަނީ އެދިފައެވެ.