ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 21:45
ބޭންކް އޮފް މޯލްޑިވްސް: ޕްރޮވިޝަން ޗަރޖް އިތުރުވާނެކަމަށް ބެލެވޭއިރު މި ނަތީޖާ ކުރިއަށް އޮތް ކުއާޓަރގެ ހާސިލްނުވުމަކީ އެކަށީގެންވާކަމެއް
ބޭންކް އޮފް މޯލްޑިވްސް: ޕްރޮވިޝަން ޗަރޖް އިތުރުވާނެކަމަށް ބެލެވޭއިރު މި ނަތީޖާ ކުރިއަށް އޮތް ކުއާޓަރގެ ހާސިލްނުވުމަކީ އެކަށީގެންވާކަމެއް
ރާއްޖެއެމްވީ
ބީއެމްއެލްގެ މާލީ ނަތީޖާ
އަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް 259 މިލިއަން ރުފިޔާގެ ފައިދާ
 
މި ނަތީޖާ ކުރިއަށް އޮތް ކުއާޓަރގެ ހާސިލްނުވުމަކީ އެކަށީގެންވާކަމެއް
 
ޕްރޮވިޝަން ޗަރޖް އިތުރުވާނެކަމަށް ބެލެވޭ

ބޭންކް އޮފް މޯލްޑިވްސްއަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 259 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާ އާންމުކުރިއިރު، ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 259 މިލިއަން ރުފިޔާ އެ ބޭންކަަށް ލިބިފައިވާކަން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި ޕްރޮވިޝަން ޗަރޖް އިތުރުވާނެކަމަށް ބެލެވޭއިރު މި ނަތީޖާ ކުރިއަށް އޮތް ކުއާޓަރގެ ހާސިލްނުވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި މުޅި އަހަރުގެ މަލީ ނަތީޖާއިން ދައްކައިދޭނެ ކަމަށްވެސް ނުބެލެވޭ ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކުގެ ލިކުއިޑިޓީއަށް ނޭދެވޭ އަސަރުކޮށްފައިވީ ނަމަވެސް ބޭންކުން ވަނީ މި ބަލިމަޑުކަމުގެ ސަބަބުން މާލީ ގޮތުންނާއި އިގްތިޞާދީ ގޮތުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން ބީއެމްއެލްއިން ވަނީ ވިޔަފާރިތަކަށް މި ދަނޑިވަޅުގައި އެހީތެރިވުމުގެ ގޮތުން 2.2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ލޯނު ދޫކޮށްފައެވެ. އަދި ބޭންކުގެ ލިކުއިޑިޓީ އާއި ކެޕިޓަލް ރޭޝިއޯ ހުރީ ގާނޫނުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއްގައި ހިފެހެއްޓިފައި ކަމަށްވެސް އެ ބޭންކުން ބުންޏެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގެއްލުމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ކުއާޓަރުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިކަމަށް އެހީތެރިވުމަށް ބީއެމްއެލްއިން ނަގާފައިވާ ލޯނު އަދި ފައިނޭންސިންގއަށް އަނބުރާ ދައްކަންޖެހޭ ފައިސާ އިތުރު 3 މަސްދުވަހަށް ވަނީ ފަސްކޮށްދީފައެވެ.

އޭގެ އިތުރުން ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކުން ވިޔަފާރިތަކަށް ލޯނު ދޫކުރަމުން އަންނައިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީފޯރުކޮށްދިނުމުގެ ބޭނުމުގައި އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އާ އެކު 50 މިލިއަން ޑޮލަރުގެ ފެސިލިޓީއަކާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާއެކު 5 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ފެސިލިޓީ އެއްބަސްވުމެއްގައި ބީއެމްއެލްއިން ވަނީ ސޮއިކޮށްފައެވެ.

ބޭންކުން ހޯދި އިތުރު ކާމިޔާބީތަކަށް ބަލާއިރު، އދ. މާމިގިލީގައި ވަނީ ސެލްފް ސަރވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވާފަައިވާއިރު ހއ. ދިއްދޫ އަދި ސ. ހުޅުމީދޫގެ ބްރާންޗްގައި ވަނީ ޒަމާނީ ސެލްފް ސަރވިސް އޭޓީއެމް އެއް ބަހައްޓައިފައެވެ. ބީއެމްއެލްއިން ބުނީ މިއާއެކު މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސްޓްރެޓެޖީގެ ދަށުން އަތޮޅުތެރޭގައި ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ފޯރުކޮށްދޭ ކޭޝް އެޖެންޓުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށެވެ.

ބީއެމްއެލްއިން ބުނީ މުޖުތަމައަށް އެހީވުމަށް ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައުގެ ތަރައްގީއަށްކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ 10 ހޮސްޕިޓަލަކަށް ފަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހަދިޔާކޮށްފައިވާ ކަމަށެވެ.

މާލީ ދާއިރާއަށް ރައްޔިތުން ހޭލުންތެރިކުރުމަށާއި ވަކިން ހާއްސަކޮށް އޮޅުވާލައިގެން ފައިސާ ހޯދުމަށް ކުރަމުންދާ އަމަލުތަކުން ކަސްޓަމަރުން ރައްކާތެރިކޮށް، ހޭލުންތެރިކުރުވުމުގެ ގޮތުން އަތޮޅުތެރޭގައި މައުލޫމާތު ދިނުމުގެ ހަރަކާތްތައްވެސް ހިންގާފައިވާ ކަމަށް އެ ބޭނުންކުން ބުންޏެވެ. އަދި މާލީ ދާއިރާގެ މައުލޫމާތު ދިނުމަށް ހާއްސަކުރެވިގެން ވެބިނަރ ސީރީސްއެއް ފަށައި، މުހިއްމު މައުލޫތަކާ ބެހޭ މައުލޫމާތު ދިނުމަށް މަހަކު ދެ ފަހަރު ވެބިނަރ ވަނީ ބާއްވާފައެވެ.

ބީއެމްއެލްއިން ވަނީ މި ކުއާޓަރުގައި 'އަހަރެންގެ ބޭންކު' ކޮމިއުނިޓީ ފަންޑުގެ 2 ވަނަ ފިޔަވައްސަށް ފްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައެވެ. އަދި ތ. ވިލުފުށްޓާއި ހއ. ކެލާގައި ކުރިއަށް ގެންދެވުނު ޕްރޮޖެކްޓްތައްވެސް ވަނީ ނިންމާލާފައެވެ.

މި ކުއާޓަރުގެ ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ކުއާޓަރގައި ރަނގަޅު ނަތީޖާއެއް ހޯދިފައިވީ ނަމަވެސް މި އަހަރުގެ ބާކީ ބައިގައި ޕްރޮވިޝަން ޗަރޖް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ކުއާޓަރުވެސް ވެގެންދާނީ ދަތި އުނދަގޫ ކުއާޓަރއަކަށް ކަމަށާއި އެހެންނަމަވެސް ބޭންކުން މުޖުތަމައަށް އެހީވުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންގޮސް، ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް މިހާރު ހުރި ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް ކަސްޓަމަރުން ބޭނުންވާފަދަ ހިދުމަތެއް ދިނުމުގެ ގޮތުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރަމުންދާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއެކު 'ދިވެހިންގެ ބޭންކުގެ' ގޮތުގައި ބީއެމްއެލް ދެމިއޮންނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް