ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 10:48
ރެއާލާއި ހުއެސްކާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 4-1 ން
ރެއާލާއި ހުއެސްކާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 4-1 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ރެއާލް އެއްވަނައަށް، ބާސާ އެއްވަރު
ހުއެސްކާ އަތުން ރެއާލް މޮޅުވީ 4-1 ގެ ނަތީޖާއަކުން
އަލަވޭސް އާއި ބާސާ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ހުއެސްކާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އެޑެން ހަޒާޑް ކުޅުނުއިރު، މިއީ މި އަހަރުގެ ޖުލައި މަހަށްފަހު އޭނާ ރެއާލަށް ކުޅެދިން ފުރަތަމަ މެޗެވެ. އަދި މެޗުގެ 40 ވަނަ މިނެޓުގައި ހަޒާޑް ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ރެއާލަށް ލީޑު ނަގައިދީފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަދުވަހުގެ ފަހުން ހަޒާޑް ރެއާލަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ހަޒާޑުގެ ލަނޑުން މި މެޗުގައި ރެއާލުން ލީޑު ނެގިއިރު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކަރިމް ބެންޒެމާ ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ފެޑެރީކޯ ވަލްވޭޑޭ ވަނީ ރެއާލުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މެޗުގައި ހުއެސްކާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޭވިޑް ފެރޭރޯއެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ބެންޒެމާ ވަނީ ރެއާލަށް ހަތަރުވަނަ ލަނޑެއް ޖަހައިދީފައެވެ.

މި މޮޅާއެކު ރެއާލް އޮތީ ތާވަލުގެ އެއްވަނައިގައި ހަތް މެޗުން 16 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން އާދީއްތަ ދުވަހުގެރޭ ރަށުން ބޭރިގައި ސެލްޓާ ވީގޯއާ ދެކޮޅަށް ނުކުންނާނެއެވެ. އެހެންކަމުން އެ މެޗުން ސޮސިއެޑާޑް މޮޅުވެއްޖެ ނަމަ، އެ ޓީމަށް އަލުން ތާވަލުގެ އެއްވަނަ ލިބޭނެއެވެ.

އަލަވޭސް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ޑިޕޯޓިވޯ އަލަވޭސްއާ 1-1 ން އެއްވަރުވެ، ބާސެލޯނާ އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން މޮޅެއް ނުލިބި ޕްރެޝަރާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ބާސާގެ ގޯލްކީޕަރު ނޭޓޯއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އަލަވޭސްގެ ލަނޑު ޖެހީ ލުއިސް ރިއޯޔާއެވެ.

މި މެޗުގައި ބާސާއިން ނަތީޖާ އެއްވަރުކޮށްފައިވަނީ އަލަވޭސްގެ ކުޅުންތެރިއަކު މަދުވި ފަހުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި އަލަވޭސްގެ ޔޮޓާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކިއިރު، އޭގެ މިނެޓެއް ފަހުން އެންޓޮއިން ގްރީޒްމަން ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން ލިބުނު ޕޮއިންޓަކާއެކު ބާސާ ވަނީ ތާވަލުގެ 12 ވަނައަށް ވެއްޓިފައެވެ. އެ ޓީމަށް ހަ މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް