ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 19:45
ޝެފީލްޑާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 1-0 ން
ޝެފީލްޑާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޝެފީލްޑް އަތުން ސިޓީއަށް ހަނި މޮޅެއް
ޝެފީލްޑް އަތުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުން
ސިޓީ އޮތީ ތާވަލުގެ ހަތްވަނައިގައި 11 ޕޮއިންޓާއެކު

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ޝެފީލްޑް ޔުނައިޓެޑް އަތުން މެންޗެސްޓާ ސިޓީ ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ޝެފީލްޑުގެ ދަނޑުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ޝެފީލްޑުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މި ހާފުގައި ސިޓީގެ ފެރާން ޓޮރޭސް އާއި ރަހީމް ސްޓާލިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝެފީލްޑުގެ ޒުވާން ގޯލްކީޕަރު އާރޮން ރާމްސްޑޭލެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީން ކާމިޔާބުކޮށްފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކައިލް ވޯކާއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޝެފީލްޑުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ ޓީމުން ވަނީ ބަދަލުތަކާއެކު ނުކުމެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ނަތީޖާ އެއްވަރުކުރުމަށް ޝެފީލްޑަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުންއެރި ޖޯން ލަންޑްސްޓްރަމްއަށެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ، ހުރަސް ދަނޑި މަތިންނެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ޝެފީލްޑް އަތުން ހޯދި ހަނި މޮޅާއެކު ސިޓީ އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. އަދި ސިޓީ އަތުން ބަލިވި ޝެފީލްޑް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަތް މެޗުން އެންމެ ޕޮއިންޓަކާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް