ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 17:28
އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް
އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް
ގެޓީ އިމޭޖަސް
އާސެނަލުން އޮޒިލް ބާކީކުރުން
އޮޒިލަށް ދެވެން އޮތް ހުރިހާ ފުރުސަތެއް ދިނިން: އާޓެޓާ
އާސެނަލުގެ ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގުގެ ސްކޮޑުންވެސް އޮޒިލަށް ފުރުސަތު ދީފައެއް ނުވޭ
އޮޒިލް އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މި އަހަރުގެ މާޗު މަހު ހަތްވަނަ ދުވަހު
އޮޒިލާ މެދު ބޭއިންސާފުން ކަމެއް ނުކުރާ ކަމަށް އާޓެޓާ ބުނި

އާސެނަލުގެ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގުގެ ސްކޮޑުން ބާކީކުރި ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލަށް ދެވެން އޮތް ހުރިހާ ފުރުސަތެއް ދިން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

މި ފަހަކަށް އައިސް އާސެނަލުން އުމުރުން 32 އަހަރުގެ އޮޒިލަށް ފުރުސަތު ދީފައި ނުވާއިރު، އޮޒިލް އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މި އަހަރުގެ މާޗު މަހު ހަތްވަނަ ދުވަހުގައެވެ.

އާސެނަލުގެ ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގުގެ ސްކޮޑުން ބާކީކުރުމުން މީގެ ކުރިން އޮޒިލް ބުނީ އާސެނަލުގެ އައު އެއްބަސްވުމުގައި 2018 ވަނަ އަހަރު ސޮއިކުރީ އެ ކުލަބަށް އޮތް ލޯތްބާއި ވަފާތެރިކަމުގެ ސަބަބުން ކަމަށެވެ. އެކަމަކު ކުލަބުން އޭގެ ބަދަލުގައި އޭނާއާ މެދު ކަންތައްތައް ކުރާ ގޮތުން މިހާރު އެކަމާ ހިތާމަކުރަން ޖެހިފައިވާ ކަމަށްވެސް ބުންޏެވެ. އަދި އޮޒިލް ވަނީ ވަފާތެރިކަމުގެ ހެޔޮ ބަދަލެއް ހޯދުމަކީ މިހާރު އުނދަގޫ ކަމެއްކަން ވިސްނިއްޖެ ކަމަށްވެސް ބުނެފައެވެ.

އެވާހަކަތަކަށް ރައްދު ދެމުން އާޓެޓާ ބުނީ އޮޒިލަށް ދެވެން އޮތް ހުރިހާ ފުރުސަތެއް އޭނާއަށް ދިން ކަމަށާއި، އޭނާއާ މެދު ބޭއިންސާފުން ކަމެއް ނުކުރާ ކަމަށެވެ. އަދި އޮޒިލަކީ އަދިވެސް އާސެނަލަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމަށާއި، ފާއިތުވި އަހަރުތަކުގައި އެ ޓީމަށް އޭނާގެ އެހީގައި ގިނަ ކާމިޔާބީތަކެއް ލިބިފައިވާކަން ގަބޫލުކޮށް އެކަމަށް އިހުތިރާމުކުރާ ކަމަށެވެ. އެކަމަކު ކޯޗެއްގެ ހައިސިއްޔަތުން މި ވަގުތު ޓީމަށް އެންމެ ރަނގަޅު ނިންމުން ނިންމަން ޖެހޭ ކަމަށާއި، އޮޒިލް ބާކީކުރީ ދިން ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ ކުރިން އޮޒިލް ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު ސާފުކޮށްދީފައެވެ. އޮޒިލް އޭރު ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ.

އާސެނަލުގެ ސްކޮޑުން އޮޒިލް ބާކީކުރި ނަމަވެސް، އޮޒިލް އާސެނަލް ދޫކޮށްލާނީ އެއްބަސްވުން ހަމަވުމުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ. އޭނާ އަކީ އާސެނަލުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ.

ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް