ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 15:38
ދޮންކޭލަކީ ސިއްހަތަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެއް
ދޮންކޭލަކީ ސިއްހަތަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެއް
މެޑިޑޭޓިވް މައިންޑް
ދޮންކޭލުން ލިބޭ ފައިދާތައް
ހެނދުނުގެ ނާސްތާއަށް ދޮންކެޔޮ!
ދޮންކޭލުގައި ފައިބަރު ހުރުމުން ބޭރަށްހިންގުމާއި ބަނޑުހިކުން ފަދަ މައްސަލަތަކުން ދުރުކޮށްދޭ
ދޮންކެޔޮ ބޭނުންކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ވެސް ވާގިވެރިވެދޭ ކަމެއް
ކުޑަ ކުދިންނަށް ހެނދުނުގެ ނާސްތާގައި ދޮންކެޔޮ ކާންދިނުމަކީ ހެދިބޮޑުވުމަށް ލިބޭ ބާރެއް

ޒަމާނަށް އަންނަ ބަދަލާއެކު ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު އަންނައިރު އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އަހަރުމެންގެ ކެއުންބުއިމުގެ ވައްޓަފާޅިއަށޭ ބުނިކަމުގައިވީ ނަމަވެސް ދޮގަކަށް ނުވާނެއެވެ. އެގޮތުން ކުރިއާ އަޅާބަލާއިރު، މިހާރު ކެއުމުގައި ބޭނުންކުރާ ތަކެތި ވަރަށް ތަފާތެވެ.

ނަމަވެސް ސިއްހަތަށް ފައިދާ ހުރި ކާނާ ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުން ކުރެވޭތޯ މިއީ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ކުރަން ޖެހިފައިވާ ސުވާލެކެވެ. އަޅުގަނޑުމެންގެ ދަރިންނަށް ހެނދުނުގެ ނާސްތާގެ ގޮތުގައި ފައިދާ ހުރި މޭވާއެއް ކާން ދެނީ ކިތައް ބެލެނިވެރިންތޯއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ތިމާގެ ދުވަސް އެންމެ ހަރަކާތްތެރިކޮށް ވޭތުކުރުމަށް ހެނދުނުގެ ނާސްތާ ވަރަށް މުހިންމެވެ. އަދި ނާސްތާގައި މޭވާ ކެއުމަކީ ދުވަސް އިތުރަށް ފުރިހަމަވެ، ތިމާއަށް މުރާލިކަން ގެނައުވަދޭ ކަމެކެވެ. ހާއްސަ ގޮތެއްގައި ކުޑަކުދިންނަށް ހެނދުނުގެ ނާސްތާގައި ދޮންކެޔޮ ކާންދިނުމަކީ ހެދިބޮޑުވުމަށް ލިބޭ ބާރެކެވެ.

ދޮންކޭލަކީ ރާއްޖޭގެ ބާޒާރުން ފަސޭހައިން ލިބޭ މޭވާއަކަށްވާއިރު، މިއީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަނދިވެފައިވާ މޭވާއެކެވެ. ދޮންކޭލުން ލިބޭ ފައިދާތަކަށް ބަލާއިރު، ލޭ މަދުވުމުގެ މައްސަލައަށާއި، ކަށިތައް ވަރުގަދަ ކުރުމާއި، ގޮހަރުގެ ފާރާއި، ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުމާއި، ހަށިގަނޑަށް ހަކަތަ އާއި ބާރު ގެނެސްދިނުމާއި، ކެންސަރުގެ ބަލިތައް އަދި ހިތުގެ ބަލިތަކުން ދުރުކޮށްދީ ދުޅަހެޔޮކަންމަތީ ހުރުމަށް މަގުފަހިކޮށްދެއެވެ.

ދޮންކޭލަކީ ރާއްޖޭގެ ބާޒާރުން ފަސޭހައިން ލިބޭ މޭވާއެއް

ދޮންކޭލުގައި ދަގަނޑުގެ ބާވަތްތައް ގިނަވުމުން، ދޮއްކޭލަކީ ލޭ މަދުވާ މީހުން ކެއުމަށް މުހިންމު މޭވާއެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ދޮންކޭލުގައި ފައިބަރު ހުރުމުން ބޭރަށްހިންގުމާއި، ބަނޑުހިކުން ފަދަ މައްސަލަތަކުން ދުރުކޮށްދެއެވެ. ދޮންކޭލަކީ ޕޮޓޭސިއަމް ގިނަވެފައި ލޮނު ނުވަތަ ސޯޑިއަމް ވަރަށް މަދުން އެކުލެވޭ މޭވާއަކަށްވާތީ ލޭ މައްޗަށްދިއުން ފަދަ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދޮންކެޔޮ އެހީތެރިވެދޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

މީގެ އިތުރުން ދޮންކެޔޮ ބޭނުންކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ވެސް ވާގިވެރިވެދޭ ކަމެކެވެ. މިކަމާ ގުޅޭ ގޮތުން ޑރ. އަބުދުލް އަޒީޒު ހަމީދު ވިދާޅުވެފައިވަނީ ދޮންކޭލުގައި ވިޓަމިން ބީ6، ވިޓަމިން ބީ12، މެގްނީޒިއަމް، އަދި ޕޮޓޭސިއަމް އެކުލެވިގެންވާތީ މިއީ ނިކޮޓިން (ދުންފަތުގައި ނިކޮޓިން އެކުލެވެއެވެ.) ބޭނުންކުރަމުންދާ މީހަކު، އެހުއްޓާލުމުން މެދުވެރިވާ އުނދަގޫތަކުން ދުރުވެ، އުނދަގޫތައް ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާއެއް ކަމަށެވެ.

އެހެންކަމުން ދޮންކޭލަކީ ނުކައި ދޫކޮށްލެވޭވަރުގެ މޭވާއެއް ނޫނެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި މާޅޮސް ކެޔޮ، ފުސްކެޔޮ، ކަދިލި ކެޔޮ، ބޮންތި ރަތްކެޔޮ ކެއުން މުހިންމެވެ. ދޮންކެޔޮ މޭވާއެއްގެ ގޮތުގައި ކެއުމަށް ބޭނުން ކުރުމުގެ އިތުރުން ފަނިގިރައިންނާއި، ކައްކައިގެންނާއި، ޖޭމުގެ ގޮތުގަޔާއި، ކުޑަކުދިންނަށްދޭ ކާނާގެ ބާވަތްތައް ތައްޔާރު ކޮށްގެންވެސް ދޮންކެޔޮ ކެއުމަކީ ކުރުން މުހިންމު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް