ކ. މާލެ
|
30 އޮކްޓޯބަރ 2020 | ހުކުރު 21:24
ލީގުގައި އެވަޓަނާއި ލިވަޕޫލް އެއްވަރުވި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ވެން ޑައިކް ބަދަލުކުރަނިކޮށް
ލީގުގައި އެވަޓަނާއި ލިވަޕޫލް އެއްވަރުވި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ވެން ޑައިކް ބަދަލުކުރަނިކޮށް
ގެޓީ އިމޭޖަސް
ވެން ޑައިކް އޮޕަރޭޝަނެއް ކުރުން
ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ވެން ޑައިކް އޮޕަރޭޝަނެއް ކޮށްފި
ވެން ޑައިކަށް އަނިޔާވީ ލީގުގައި އެވަޓަނާއި ލިވަޕޫލް އެއްވަރުވި މެޗުގައި ޕިކްފޯޑް ކުރި ޓެކުލަކާ ގުޅިގެން
މި ސީޒަނުގެ ބާކީ ބައިގައި ވެން ޑައިކަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނޭ

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަނާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ލިވަޕޫލުގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

ލީގުގައި އެވަޓަނާ 2-2 ން ލިވަޕޫލް އެއްވަރުވި މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ވެން ޑައިކް ބަދަލުކުރިއެވެ، ވެން ޑައިކަށް އަނިޔާވީ އެވަޓަނުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ. އެކަމަކު އެ ފައުލް ކުރުމުގެ ކުރިން ވެން ޑައިކް އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ އެއީ ފައުލެއް ކަމަށް ނިންމާފައެއް ނުވެއެވެ.

އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ހުކުރު ދުވަހު ވެން ޑައިކް ކަކުލުގެ އޮޕަރޭޝަނެއް ކުރި ނަމަވެސް، އޭނާ ކުޅުމުގެ ތެރެއަށް އަނބުރާ އާދެވޭނެ މުއްދަތެއް ލިވަޕޫލުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ވެން ޑައިކުގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން އޭނާއަށް މި ސީޒަނުގެ ބާކީ ބައިގައި ނުކުޅެވޭނެއެވެ.

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ ވެން ޑައިކުގެ ކަކުލުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، މިވަގުތަށް ބަލާއިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ޕިކްފޯޑް ކުރި ޓެކުލެއްގައި ވެން ޑައިކަށް އަނިޔާވި ނަމަވެސް، މި މައްސަލައިގައި ޕިކްފޯޑަށް ފިޔަވަޅު ނާޅަން އިނގިރޭސި އެފްއޭއިން މީގެ ކުރިން ވަނީ ނިންމާފައެވެ. އެ މައްސަލައިގައި ޕިކްފޯޑަށް ފިޔަވަޅެއް ނާޅަން އެފްއޭއިން ނިންމީ މެޗުގައި އެކަން ހިނގައިދިޔަ ގޮތް ވީއޭއާރުގެ އިތުރުން މެޗުގެ އޮފިޝަލުންވެސް ބެލުމާ ގުޅިގެންނެވެ.

މި އަނިޔާއާ ގުޅިގެން ސޯޝަލް މިޑިއާގައި ހިއްސާކުރި މެސެޖެއްގައި މީގެ ކުރިން ވެން ޑައިކް ބުނީ އަނިޔާއިން ސަލާމަތްވެ އެނބުރި އަންނާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށެވެ.

ލިވަޕޫލުގެ އިތުބާރު ޑިފެންޑަރު ވެން ޑައިކް އަނިޔާގައި ކުޅުމާ ދުރުގައި ހުރިއިރު، ދާދި ފަހުން އެ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ ފަބީނިއޯއަށްވެސް ވަނީ އަނިޔާވެފައެވެ. ފަބީނިއޯގެ އަނިޔާއާއެކު ލިވަޕޫލުގައި މިހާރު ފުރަތަމަ ޓީމަށް ކުޅޭ ޑިފެންޑަރުންގެ ތެރެއިން ބާކީ ފިޓްކޮށް ހުރީ ޖޯ ގޯމޭޒް އެކަންޏެވެ. ފަބީނިއޯ އާއި ވެން ޑައިކުގެ އިތުރުން އެ ޓީމުގެ ޔޮއެލް މަޓިޕުވެސް ހުރީ އަނިޔާގައި ކުޅުމާ ދުރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް