ކ. މާލެ
|
30 އޮކްޓޯބަރ 2020 | ހުކުރު 11:17
މިލާނާއި ސްޕާޓާ ޕްރާގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 3-0 ން
މިލާނާއި ސްޕާޓާ ޕްރާގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
މިލާނާއި ނާޕޮލީއަށްވެސް މޮޅެއް
މިލާން މޮޅުވީ ސްޕާޓާ ޕްރާގް އަތުން 3-0 ގެ ނަތީޖާއަކުން
ނާޕޮލީ މޮޅުވީ ރެއާލް ސޮސިއެޑާޑް އަތުން 1-0 ގެ ނަތީޖާއަކުން

ޔުއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި ނާޕޮލީވެސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން މޮޅުވީ ސްޕާޓާ ޕްރާގް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 24 ވަނަ މިނެޓުގައި މިލާނުން ވަނީ ލީޑު ނަގާފައެވެ. ޒްލަޓާން އިބްރަހިމޮވިޗުގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަހިމް ޑިއާޒެވެ. އަދި ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން މިލާނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އިބްރަހިމޮވިޗް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއްނުވިއެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި މިލާނުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަފައެލް ލެއާއޯއެވެ. އަދި އޭގެ 10 މިނެޓު ފަހުން ޑިއޯގޯ ޑާލޯ ވަނީ މިލާނުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު މިލާން އޮތީ ގްރޫޕް އެޗުގެ އެއްވަނައިގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިލްއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސެލްޓިކަށް ލިބިފައިވަނީ ދެ މެޗުން އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް ޕްރާގަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސޮސިއެޑާޑާއި ނާޕޮލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ނާޕޮލީ މޮޅުވީ 1-0 ން

މީގެ އިތުރުން މި މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ނާޕޮލީ މޮޅުވީ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

މި ފަހަރުގެ ޔޫރޮޕާ ލީގުގައި ނާޕޮލީ ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހަފުތާގައި އޭޒެޑް އަލްކްމާރް އަތުން ބަލިވި ނަމަވެސް، ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ނާޕޮލީއަށް ކާމިޔާބުކޮށްދިނީ މަޓެއޯ ޕޮލިޓާނޯއެވެ. އެކަމަކު ނާޕޮލީން މި މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި ދެވަަނަ ރީނދޫ ކާޑާއެކު އެ ޓީމުގެ ވިކްޓަ އޮސިމްހެއިންއަށް ރަތް ކާޑު ދެއްކުމުންނެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ނާޕޮލީ މޮޅުވިއިރު، މި ގްރޫޕުގައި ހިމެނޭ އަލްކްމާރް ވަނީ ރިޔެކާ އަތުން 4-1 ން މޮޅުވެފައެވެ. އެހެންކަމުން ގްރޫޕް އެފްގެ އެއްވަނައިގައި އަލްކްމާރް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސޮސިއެޑާޑާއި ތިންވަނައިގައި އޮތް ނާޕޮލީއަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަފި ފުލުގައި އޮތް ރިޔެކާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް